ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތަކުން ކ. ހުރައާއި ދ. މާއެނބޫދޫ ކުރި ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ޖުމްލަ އަށް ޓީމާ އެކު ފަށާފައިވާ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުތަކުން މޮޅުވީ މާފުއްޓާއި ށ. ފުނަދުއެވެ. މާފުށިން 3-1 އިން ސެޓުން އައްޑޫ ބަލިކުރި އިރު، ދެން ކުޅުނު މެޗުގައި ލ. ގަން ކައިރިން ފުނަދޫ މޮޅުވީ 3-2 ސެޓުންނެވެ.
މުބާރާތުގައި އިއްޔެއާއި ރޭ މެޗުތައް ކުޅެފައިވާ އިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުރައިން މާބައިދޫ ބަލިކުރީވެސް ފަސް ސެޓަށް ކުޅެގެން 3-2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު މާބައިދޫން 25-19 އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ދެސެޓުވެސް ގެންދިޔައީ ހުރައިންނެވެ. އެއީ 25-23 އަދި 25-17 އިންނެވެ. އެ ދެސެޓު ގެއްލުނު ނަމަވެސް، މާބައިދޫން ހަތަރު ވަނަ ސެޓު 25-14 އިން ގެންގޮސް، ޓައި ބްރޭކް ސެޓަށް މެޗު ގެންދިޔައެވެ.
ފަސްވަނަ ސެޓުގައި ހުރައިން މާބައިދޫގެ މައްޗަށް ކުރި ހޯދީ 15-12 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ހުރާގެ ބިދޭސީ ކުޅުންތެރިޔާ އަރީނާ ޝެޕަލްއެވެ.
ރ މާއެނބޫދޫން މާލޭ ސިޓީ ބަލިކުރީ ސީދާ ރިން ސެޓުންނެވެ. ތަފާތު ބޮޑުކޮށް މެޗުގެ ސެޓުތައް ގެންގޮސްފައިވާ އިރު، މާއެނބޫދޫން ސެޓުތައް ގެންދިޔއީ 25-11، 25-5 އަދި 25-7 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ ފާތިމަތު ސީނާ އަބްދުލް ރަޝީދެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފެނިގެންދާ ވޮލީ ސުޕަ ލީގުގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށް ދާނެއެވެ.
ރާއްޖެ ސުޕަ ލީގު 2025
ރާއްޖެ ސުޕަ ލީގު 2025
ރާއްޖެ ސުޕަ ލީގު 2025
ރާއްޖެ ސުޕަ ލީގު 2025