ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ބ. ގޮއިދޫ މޮޅުވެއްޖެއެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަތް ރަށަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފޮނަދުއާއި ފެލިދޫގެ އިތުރުން ދެން ހިމެނެނީ ހދ. ހަނިމާދުއާއި ކ. މާފުއްޓެވެ. ގްރޫޕް ބީގައި ގޮއިދޫގެ އިތުރުން ދެން ހިމެނެނީ ތ. ހިރިލަންދުއާއި ކ. ތުލުސްދުއެވެ.
މުބާރާތް އިއްޔެ ހަވީރު ފެށީ ހަނިމާދުއާއި ފެލިދޫ ވާދަކުރި މެޗުންނެވެ. އެމެޗު 3-1 ސެޓުން ފެލިދޫ ގެންދިޔަ އިރު، ފުރަތަމަ ސެޓު ފެލިދޫން ގެންދިޔައީ 25-21 އިންނެވެ.
ހަނިމާދޫން ދެވަނަ ސެޓު 27-25 އިން ގެންދިޔަ ނަމަވެސް، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ފެލިދޫން ވަނީ ދެން ކުޅުނު ދެ ސެޓު، 22-25 އަދި 17-25 އިން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. މޮޅު ކުޅުންތެރިޔަކީ ފެލިދުއަށް ކުޅެމުންދާ ޕާކިސްތާނުގެ މުރާދް ޖޭހާންއެވެ. ފެލިދޫން މުބާރާތަށް ނުކުތީ މުހައްމަދު ޝަރަފްގެ ކޯޗުކަމުގައެވެ.
ރޭ ފޮނަދޫން ވަނީ މާފުށި ކައިރިން ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. ހާލިދު މުހައްމަދުގެ ކޯޗުކަމުގައި ކުޅެމުންދާ ފޮނަދޫން ސެޓުތައް ގެންދިޔައީ 25-20، 25-18 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފޮނަދުއަށް ކުޅެމުންދާ ޕާކިސްތާން ކުޅުންތެރިޔާ ފަހަދް ރަޒާއެވެ.
ރޭ ކުޅުނު ފަހު މެޗުގައި ހިރިލަންދޫ ކައިިރިން ގޮއިދޫ މޮޅުވީ ފަސް ސެޓަށް ގޮސް، 3-2 އިންނެވެ. މެޗުގެ ފުރަތަމަ ސެޓު ގޮއިދޫން 22-25 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓު ހިރިލަންދޫން ގެންދިޔައީ 25-17 އިންނެވެ. އަނެއްކާ ތިންވަނަ ސެޓު ގޮއިދޫން 25-22 އިން ގެންދިުަ ނަމަވެސް ހިރިލަންދޫ ވަނީ 25-14 އިން ހަތަރު ވަނަ ސެޓު ގެންގޮސް މެޗު އެއްވަރު ކޮށްފައެވެ.
ޓައި ބްރޭކް ސެޓު ގޮއިދޫން ކާމިޔާބުކުރީ 15-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޖަޔަލަތު އަރަައްޗީގެ މަހޭލާ އިންދީވަރާ ބަންޑާރާއެވެ.
ރާއްޖެ ސުޕަ ލީގުގެ ދެމެޗު މިއަދުވެސް އޮންނާނެއެވެ. ހަވީރު ފޮނަދޫން ހަނިމާދުއާ ދެކޮޅަށް ނުކުންނަ އިރު، ގޮއިދޫން މިރޭ ނުކުންނާނީ ތުލުސްދުއާ ދެކޮޅަށެވެ. ހަވީރު މެޗު ފަށާނީ 4:00 ގައެވެ. މިރޭ މެޗު ފަށާނީ 8:30 ގައެވެ.
މުޙައްމަދު ޝަމްޢޫން
ރާއްޖެ ސުޕަ ލީގު - ވޮލީ
ކޮމެންޓް