ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރާއްޖޭގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގައި ލ. ގަމުން ކުޅުނު ދެވަނަ މެޗުގައި ކ. މާފުށި ބަލިކުރި އިރު، ށ. ފުނަދޫން އައްޑޫ ސިޓީ ބަލިކޮށް ދެވަނަ މޮޅު ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ޖުމްލަ އަށް ޓީމާ އެކު ކުރިއަށްދާ ރާއްޖެ ސުޕަ ލީގުގައި ރޭ ކުޅުނީ ގަމާއި މާފުއްޓެވެ. މާފުށިން ރޭގެ މެޗަށް ނުކުތުމުގެ ކުރިން އައްޑޫ ބަލިކޮށްފައި އޮތް އިރު، ގަމުން އޮތީ ފުނަދޫ ކައިރިން ބަލިވެފައެވެ.

އެ ބަލިން އަރައިގަތުމަށް ގަމުން ރޭ ކުޅުނު މެޗުގައި މާފުށި ބަލިކުރީ ސީދާ ތިން ސެޓުންނެވެ. އެމެޗުގައި ގަމުން ސެޓުތައް ގެންދިޔައީ 25-15، 25-15 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ގަމަށް ނިސްބަތްވާ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއެވެ.

ފުނަދޫން އިއްޔެ ދެވަނަ މޮޅެއް ހޯދީ ފަސޭހަކަމާއެކު ތިން ސެޓުން އައްޑޫ ބަލިކޮށްގެންނެވެ. އެޓީމުގެ ސެޓުތައް ގެންދިޔައީ 25-16، 25-11 އަދި 25-8 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ބިދޭސީ ކުޅުންތެރިޔާ އެމްރޫނަލް އަމިތެވެ.

ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފެނިގެންދާ ވޮލީ ސުޕަ ލީގުގެ މެޗުތައް މިއަދާއި މިރޭވެސް ކުރިއަށް ދާނެއެވެ.