އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމަށް، ކުރިން އެކްލަބަށް ކުޅެ، އޭގެފަހުން ކޯޗުކަން ކޮށްދިން އޮލެ ގުނަ ސޮލްޝެއާ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ހަވާލުވިތާ އެންމެ 14 މަސް ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޯރިމް ވަކިކުރީ އިއްޔެއެވެ. ކޯޗުކަން އަމޯރިމް ވަކިކޮށްފައި ވަނީ އެންމެފަހުން އެޓީމުން ލީޑްސްއާ ދެކޮޅަށް ކުޅެ، 1-1 އިން އެއްވަރުވި މެޗަށްފަހުއެވެ.
ކްލަބުގެ ވެރިންނާވެސް އަމޯރިމްއާ މައްސަލަ ޖެހިފައިވާ އިރު، ރިޕޯޓުތައް ބުނެފައި ވަނީ ޔުނައިޓެޑުން މިވަގުތަށް ބޭނުން ވަނީ ވަގުތީ ކޯޗެއް ކަމަށެވެ. ހަބަރުތައް ބުނީ ޔުނައިޓެޑުން ދެން ކުޅެން އޮތް މެޗުގައި އެޓީމަށް ކޯޗުކަން ކޮށްދޭނީ ޑެރެން ފްލެޗާ ކަމަށެވެ. ކްލަބު ލެޖެންޑް ފްލެޗާއަކީ މި ސީޒަނުގެ ނިޔަލަށް ކްލަބާ ހަވާލުވެދާނެ ކޯޗެއް ކަމަށްވެސް ނޫސްތައް ބުނެފައިވާ އިރު، ސޮލްޝެއާއާ މަގާމު ހަވާލުކުރުންވެސް އެކަށީގެންވެއެވެ.
ސޮލްޝެއާ މީގެ ކުރިން 2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ ޖޯސޭ މޮރީނިއޯ މަގާމުން ދުރަށް ދިޔުމުންނެވެ. އެފަހަރު ކުއްލިއަކަށް ކްލަބުގެ ފޯމު ރަނގަޅު ކޮށްލައި، ޖެހިގެން އައި ސީޒަނުގައި އެކްލަބު ނިންމާލީ ތިން ވަނައިގައެވެ.
އޭގެފަހުން ސޮލްޝެއާއާއެކު ދެވަނައިގައިވެސް ޔުނައިޓެޑުން ސީޒަން ނިންމާލި އިރު، ގިނަ ބައެއްގެ ނަޒަރުގައި އޭނާއަކި މިފަހަކަށް އައިސް ޔުނައިޓެޑާ ހަވާލުވި އެންމެ ކާމިޔާބު ކޯޗެވެ. އަދި ސޮލްޝެއާއާއެކު ޔުނައިޓެޑުން އެޓޭކިން ރަނގަޅު ފުޓުބޯޅައެއް ކުޅުނު ކަމަށްވެސް ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
ސޮލްޝެއާ ޔުނައިޓެޑުން ދިޔަފަހުން ރަސްމީކޮށް ކޯޗުކަމާ ދުރުގައި ހުރި އިރު، އޭނާ އެނބުރި ކޯޗުކަމަށް ނުކުތީ މިދިޔަ އަހަރު ބެސްކިޓަސްއާ އެކުގައެވެ. އެކްލަބާ ހަވާލުވިތާ ހަތް މަސް ފަހުން ސޮލްޝެއާގެ ވަޒީފާ ގެއްލުނު އިރު، މިހާރު ހުރީ ހުސްކޮށެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް