ހަވާލުވިތާ އެންމެ 14 މަސް ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޯރިމް ވަކިކޮށްފިއެވެ.

އަމޯރިމް މަގާމުން ވަކިކުރިކަން ޔުނައިޓެޑުން މިއަދު އިއުލާނު ކޮށްފައިވާ އިރު، ރޭ އެޓީމުން ކުޅުނު މެޗުގައި ލީޑްސްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އަމޯރިމް މަގާމުން ވަކިކޮށްފައި މިވަނީ އޭނާގެ ފަރާތުންވެސް ކްލަބާ ގުޅުން ގޯސްވިކަމުގެ އިޝާރާތްތަކެއް ލިބެމުން ދަނިކޮށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޯރިމް ވަނީ ކްލަބުގެ ވެރިންނަށް ފާޑުކިޔުމުގެ ބީދައިން ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ޓްރާންސްފާ މާކެޓްގައި ރަނގަޅު ބެކިންނެއް ނުދޭ ކަމަށެވެ.

އޭގެފަހުން ރޭގެ މެޗަށްފަހު އަމޯރިމް ބުނީ ބޭނުން ވަނީ ކޯޗެއްގެ ގޮތުގައި އެކަނި ހުންނަން ނޫން ކަމަށާއި، އޭނާއަކީ މެނޭޖަރެއް ކަމަށެވެ. އަދި ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކްލަބު ދޫކޮށްލާ ހިޔާލުގައި ހުރި ކަމަށްވެސް ބުންޏެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނީ ލީގު ތާވަލުގެ ހަވަނައިގައި މިވަގުތު އޮތުމުން އެ ހާލަތު ބަދަލުކުރަން ކްލަބުން ބޭނުންވާ ކަމަށާއި، ނިންމުން ނިންމީ އެހެންވެގެން ކަމަށެވެ. އަދި ލީގުގައި އިތުރަށް ނަތީޖާ ރަނގަޅު ކުރެވޭނީ ކޯޗު ބަދަލުކޮށްގެން ކަމަށް ކްލަބަށް ފެންނަ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.

ހަބަރުތައް ބުނީ ޔުނައިޓެޑުން ދެން ކުޅެން އޮތް މެޗުގައި އެޓީމަށް ކޯޗުކަން ކޮށްދޭނީ ޑެރެން ފްލެޗާ ކަމަށެވެ. ކްލަބު ލެޖެންޑް ފްލެޗާއަކީ މި ސީޒަނުގެ ނިޔަލަށް ކްލަބާ ހަވާލުވެދާނެ ކޯޗެއް ކަމަށްވެސް ނޫސްތައް ބުނެފައިވާ އިރު، ކްލަބުން މިހާރު ބަލަނީ ސީޒަން ނިމެންދެން ވަގުތީ ކޯޗެއް ހަމަޖެއްސުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 40 އަހަރުގެ އަމޯރިމް ޔުނަޓެޑަށް ގެންދިޔައީ 2024 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. އެއީ ޕޯޗުގަލްގެ ސްޕޯޓިންނަށް ރިލީސް ފީއަކަށް 11 މިލިއަން ޔޫރޯވެސް ދީފައެވެ.

އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 63 މެޗުން މޮޅުވީ އެންމެ 25 މެޗުންނެވެ.