ހއ. ކެލަޔާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށްޓެއް ހޯދުމަކީ ޓާގެޓެއް ކަމަށާއި، އެއީ ކެރިއަރުގައި މުހިއްމު ކާމިޔާބީއަކަށް ވާނެ ކަމަށް ޓީމުގެ ކެޕްޓަން އަދި ކީޕަރު އަބްދުﷲ ޒިމާމް ބުނެފިއެވެ.
ފުޓްސަލް ގައުމީ ޓީމަށްވެސް ކުޅުނު ޒިމާމަކީ މިވަގުތުވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކީޕަރެވެ. ކްލަބު މޯލްޑިވްސް ކަޕްވެސް ހޯދާފައިވާ ޒިމާމާއެކު ރޭ ކެލައިން ހިޔުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރު ފެށީ ތުރާކުނު ކައިރިން 5-0 އިން މޮޅުވެގެންނެވެ.
އެމެޗަށްފަހު ޒިމާމް "ވަން ސްޕޯޓްސް"އަށް ބުނީ ތައްޔާރީތައް އެންމެ ރަނގަޅަށް ނުދިޔަ ނަމަވެސް ބޮޑު މޮޅަކުން ހިތްހަމަޖެހުން ލިބުނު ކަމަށެވެ.
"އިންޝާ ﷲ މި މެޗު ނިމިގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއެކު. އަހަރެމެން އުންމީދެއް ނުކުރަން މިހާ ބޮޑު ނަތީޖާއަކުން މޮޅުވާނެ ކަމަކަށްވެސް. އަސްލު ތައްޔާރީތައް ދިޔައީވެސް އެންމެ ރަނގަޅަކަށް ނޫން. އެއީ އެންމެން އެއްކޮށް ކުރެވުނު ޕްރެކްޓިސްތައްވެސް ދިޔައީ މަދުން. ތައްޔާރީތައް ދަށްކޮށް ދިޔަސް ބޮޑު މޮޅަކުން ފެށުމުން ހިތްހަމަ ޖެހޭ،" ޒިމާމް ބުންޏެވެ.
ކީޕަރު ޒިމާމް ބުނީ ކެލާއަށް ނުވެ އޮތް ކަމަކީ އަތޮޅު ތަށި ހޯދުން ކަމަށާއި، މިދިޔަ އަހަރު ސެމީ ފައިނަލްގައި ކުޅެވުމުން، ދެން އޮތީ ފައިނަލާ ހަމައަށް ގޮސް ތަށި ހޯދުމުގެ ޓާގެޓެއް ކަމަށެވެ.
"މިފަހަރުގެ ޓާގެޓަކީ މިދިޔަ އަހަރަށްވުރެ ދުރަށް ދިޔުން. އެއީ އަތޮޅު ސެމީ ފަހަނައަޅައި ދިޔުން. ފައިނަލް ކުޅެލުން އެއީ މިފަހަރު ޓާގެޓެއް،" ޒިމާމް ބުންޏެވެ.
މިދިޔަ އަހަރު ހއ. އަތޮޅު ސެމީގައި ކެލާ ބަލިވީ ޗެމްޕިއަން ވަށަފަރު ކައިރިންނެވެ.
ވަށަފަރުން އެފަހަރު ސެމީ ކާމިޔާބުކުރީ 4-3 އިންނެވެ. އެމެޗުގައި ވަށަފަރުން ތިން ގޯލް ޖަހާފައި އޮއްވައި ކެލައިން އެއްވަރުވެސް ކޮށްފައިވެއެވެ. އެ ފޯރިއާއެކު މެޗުގެ ފަހު ހާފުގެ ތެރެއިން ސަޕޯޓަރުން ހޫނުވެ، ބައެއް ފަހަރު ދަނޑަށް ފުޅި އުކުމުގެ ސަބަބުން ކުޅުން މެދުކަނޑާލަންވެސް ޖެހުނެވެ. ހާއްސަކޮށް ފަހުވަގުތު މެޗު ފެނުނީ ހޫނު ވެގެން ދިޔަތަނެވެ.
އެ ފޯރިގަދަ ސެމީއަށްފަހު މިފަހަރު އަލުން އަތޮޅު ތަށްޓަށް ކެލައިން މަސައްކަތް ކުރަމުންދާ އިރު، ޒިމާމަށްވެސް އެ ތަށި ހާއްސައެވެ.
"މިހާރު ގޯލްޑަންގެ ތަށްޓަކީ ކެރިއަރަށް ވަރަށް މުހިއްމު ތަށްޓެއް. ސީއެމްސީވެސް ލިބިފައި އޮތީމަ ގޯލްޑަން ދެން ނުލިބި އޮތީ. މި މުބާރާތުގެ އަތޮޅު ތަށްޓަކީވެސް ކެރިއަރަށް ވަރަށް ބޭނުންވާ ތަށްޓެއް. އެކަމަށް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް