އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކުގެ އިސްވެރިއެއްކަމަށް ތުހުމަތުކޮށް، ހައްޔަރުކުރި ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) ގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރުމަށް، މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވަނީ ރަނގަޅަށްކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ފަސް މީހަކު ހައްޔަރުކުރިއިރު އޭގެތެރެއިން އެކަކީ ނަދީމެވެ.

އެ މައްސަލައާ ގުޅިގެން ނަދީމްގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ބަންދަށް 30 ދުވަސް ޖެހި އަމުރު ނަދީމުގެ ފަރާތުންވަނީ މިދިޔަ ޑިސެމްބަރުމަހުގެ ހަތަރުވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ނަދީމްގެ ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ތަފުސީލުގައި ބުނެފައިވަނީ އޭނާ ބަންދުކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އަމުރު ނެރެފައިވަނީ އަޑުއެހުން އާންމުކޮށް ހުޅުވާނުލައި ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމަށެވެ.

ދެވަނަ ނުކުތާގައި ނަދީމްގެ ފަރާތުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި، އެ އަމުރު ނެރެފައިވަނީ އިންޓެލިޖެންސް ރިޕޯޓަށާއި، ކުށުގެ ރެކޯޑުގެ މައްޗަށް ބިނާކޮށްގެންކަމަށެވެ. އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި ހެއްކެއް ނޫންކަމަށާއި، ހައްޔަރު އަމުރެއް އޮތުމަކީ އޭގެ ޒާތުގައި ހައްޔަރު ރަނގަޅުވާނެ ސަބަބެއް ނޫން ކަމަށެވެ.

ތިންވަނަ ނުކުތާގައި ނަދީމްގެ ފަރާތުން ބުނެފައިވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ(ހ) އާއި، ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު އަމަލުކުރަންޖެހޭ އާންމު އުސޫތަކާއި ހިލާފަށް ކަމަށެވެ. ހަތަރުވަނަ ނުކުތާގެ ތަފުސީލުގައި ނަދީމްގެ ފަރާތުން ބުނެފައިވަނީ އަމުރުގައި 30 ދުވަހަށް ބަންދުކުރުމަށް ފަނޑިޔާރު ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި "ކުށުގެ ރެކޯޑު "ހުރިކަމަށް ކަނޑައަޅާފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ކަމަށެވެ.

ފަސްވަނަ ނުކުތާގެ ތަފުސީލުގައި ނަދީމްގެ ފަރާތުން ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މިހާރު އަށްމަަސް ދުވަހަށްވުރެ ގިނަ ދުވަސްވީ މައްސަލައެއް ކަމަށެވެ. އޭނާ އެ މުއްދަތުގައި ބަންދުނުކޮށް މިހާރު ބަންދުކުރަންޖެހޭ ޒަރޫރަތެއް ނެތްކަން ބަންދާމެދު ގޮތެއް ނިންމި އަޑުއެހުމުގައި ފާހަގަކުރުމުން، ފުލުހުންގެ ފަރާތުން އެއްވެސް ރައްދެއް ދީފައިނުވާކަމަށް ނަދީމް ބުނެފައިވެއެވެ. އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާކަމަށް ކަނޑައަޅާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެއްވައި ދައުލަތުގެ ފަރާތުން ވިދާޅުވެފައިވަނީ ކޯޓު އަމުރު ނެރުމުގައި އިޖުރާއީ ގޯހެއް އޮތްކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ބަންދު އަޑުއެހުމެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަޔަސް ނުވަތަ އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަޔަސް ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ފަނޑިޔާރު ރިއާޔަތްކުރާނީ ލިބިފައިވާ ހެކި ގަރީނާއަށާއި، އެ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ވުޖޫދުގައި އޮތްތޯ ބެލުމަށް ކަމަށެވެ.

ދައުލަތުން ވިދާޅުވީ ހައްޔަރުކުރުމުގެ އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފު ކޮށްފައިނުވާ ނަމަ، އެ އަމުރު މިހާރު ނިހާއީ ވެފައިވާ ކަމަށެވެ. އެ އަމުރު އިސްތިއުނާފުކޮށްފައިވާކަމަށް ބެލިނަމަވެސް އެ އަމުރުގެ ދަށުން ނަދީމް ހައްޔަރު ކުރުމުގައި ހަދާފައިވަނީ ކޮން ގޯހެއްކަން އޭނާގެ ފަރާތުން ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން ވިދާޅުވިއެވެ.

ނަދީމް، ބަންދުކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަށް ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށާއި 94 ވަނަ މާއްދާއަށް ބެލުމުން ދައުވާ ކުރުމުގެ މުއްދަތު ގުނުމުގައި އޮޅުންއަރާނެފަދަ ހާލަތެއް ނެތްކަމަށް ދައުލަތުން ވިދާޅުވިއެވެ. މި މައްސަލައަކީ ދައުވާ ކުރުމުގެ މުއްދަތު ބަލަންޖެހޭ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއް ނޫންކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކައް ރިއާޔަތްކޮށް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ ވިދާޅުވީ، ނަދީމްގެ ބަންދުކުރުމަށް މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި އޭނާ ބަންދުކުރީ ރަނގަޅަށްކަމަށް ކަނޑައަޅާފައިވާ ކަމަށާއި، ބަންދު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ވަކީލަކާއެކީގައިކަން އަމުރުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ނަދީމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅައިފައިވާކަން އަމުރުގައި ބަޔާންކޮށްފައިވާ ކަމަށާއި ނަދީމަކީ ކުށުގެ ރިކޯޑު އޮންނަ މީހެއްކަން އަމުރުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރު އަމުރު އިސްތިއުނާފު ކުރެވިފައިނުވާކަން ބުނެފައިވާ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ދަށުކޯޓުގެ ބަންދު މަޖިލިސް ރެކޯޑިންއަށް ބެލުމުން "ހައްޔަރުކުރި ކޯޓު އަމުރު ގޯސްކަމަށް ދިފާއުން ބުނި ނަމަވެސް، ހައްޔަރުކުރި ކޯޓު އަމުރު އިސްތިއުނާފުކޮށްފައިނުވާތީ، އަމުރުގެ ބާރު ކެނޑިގެން ނުދާނެކަމަށް ޝަރީއަތުން ދެކެނީ. އެހެންވީމާ ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް ޝަރީއަތުން ކަނޑައަޅައިފިން" ކަމަށެވެ.

ނަދީމް ހައްޔަރުކުރުމަށް ނެރުނު އަމުރު މަތީ ކޯޓަކުން ބާތިލު ނުކުރާހާ ހިނދަކު، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ބެލެވޭނޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން ނަދީމްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު މަޖިލީހުގައި، ނަދީމް ހައްޔަރުކުރުމުގެ އަމުރު ގޯސްވެގެން ހުށަހެޅި ކަންކަމަށް އެ މަރުހަލާއަށް ޖަވާބުދޭންޖެހޭ މިންވަރަށް އަދި ސަބަބު ބަޔާންކުރަންޖެހޭ މިންވަރަށް ދަށު ކޯޓުން ސަބަބު ބަޔާންކޮށްދީފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ ނަދީމް ފާހަގަކޮށްފައިވާ ފަދައިން އޭނާ ބަންދުކުރުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ކޮން އަކުރެއްގެ ދަށުންކަން ހަވާލާދީފައިނުވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެންމެ ރަނގަޅުގޮތަކީ، ނަދީމް ބަންދުކުރުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ކޮން އަކުރެއްގެ ދަށުންކަން ބަންދު އަމުރުގައި ކަނޑައެޅިގެންބަޔާންކޮށްފައި އޮތުން ކަމަށެވެ.

"އެހެންނަމަވެސް ބަންދު އަމުރެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަމާއްދާގެ ވަކި އަކުރަކާ ހަވާލާދީފައި ނެތުމުގެ ސަބަބުން އިސްތިއުނާފުކުރުމަށްޓަކައި އަލީ ނަދީމްގެ ފަރާތުން ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރަން ދަތިވެ، އޮޅުންއަރާވަރުގެ ކަމެއްނެތް ނަމަ، އެއީ ދަށު ކޯޓުގެ ނިންމުން ފުރޮޅާލަންޖެހޭ ވަރުގެ ކަމެއްކަމުގައި އަހުރެން ނުދެކެމެވެ" ފަނޑިޔާރު ވިދާޅުވިއެވެ.

ނަދީމްގެ ބަންދު އަމުރުގައި "ކުށުގެ ރެކޯޑު ހުރި" ކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ނަދީމްގެ ހައްޔަރު ރެކޯޑުތަކާއި ބަންދު ރެކޯޑުތަކަށް އިޝާރާތްކުރުމުގެ ގޮތުން، "ކުށުގެ ރެކޯޑު" ގެ ޖާމިއު މާނައިގައިކަމަށް ބެލެވޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ދަށުކޯޓުގެ ފަނޑިޔާރު ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކޮށްދިނުމުގެ ވާޖިބާ ހިލާފުވެފައިނުވާ ކަމަށާއި އެކަމުގައ،ި އިސްތިއުނާފުކުރެވިފައިވާ އަމުރު ބާތިލުކުރަންޖެހޭވަރުގެ އަސާސީ ގޯހެއް އޮތްކަމަށްވެސް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާގެ އެ ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރުވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ މި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުންކުރި ހުކުމުގައި ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ ވިދާޅުވީ ނަދީމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތްކޮށް މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.