އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ނެޓްވޯކުގެ އިސްވެރިންގެ ބަންދަށް އިތުރު މުއްދަތެއް ޖަހައިފިއެވެ.

ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތައް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލީ ނަދީމާއި ހާފިޒް ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި ހަސަން އަލްފާފް އާއި އަމީން މުހައްމަދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މުއްދަތު ހަމަވާތީ ފުލުހުން ވަނީ އިއްޔެ އަލީ ނަދީމް، އިބްރާހިމް ސިރާޖު އަދި ހާފިޒް ފައުޒީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ.

ކޯޓުން ވަނީ ހަސަން އަލްފާން އަދި އަމީން މުހައްމަދުގެ ބަންދަށް މިދިޔަ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހު 30 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ބުނެފައިވަނީ އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.