އެޗްޑީ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ފެށުމުގެ ގޮތުން ކުޅުނު މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ ބަލިކޮށް، ޝީލްޑް އުފުލައިލެވުމަކީ ލިބުނު ބޮޑު އިތުބާރެއް ކަމަށް ބ. އޭދަފުށީގެ ހުސައިން ޝަރީފް (މުޑާ) ބުނެފިއެވެ.
ރޭ ހުޅުމާލޭގެ ރެހެންދި ދަނޑުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން އެއްވަރުވެފައި އޮތް އިރު، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށިން މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
"ވަރަށް ކުޑަ ދުވަސްކޮޅެއް ލިބުނީ ޕްރެކްޓިސް ކޮށްލަން ލިބުނީ. ދެން މި މެޗަށް ނުކުންނަންވެސް މި ޖެހުނީ ބައެއް ސީނިއާ ކުޅުންތެރިންތަކެއް ނުލައި. ސައްޓުއާއި ފާއްޓެ ކަހަލަ ކުޅުންތެރިންވެސް ނުލައި މި ނުކުތީ މެޗަށް. އެއީ އުނދަގުލެއް ނަމަވެސް، އެކަމަކު ކުޅުންތެރިން އެކަމަށް ވަރަށް ބޮޑަށް ހިތްވަރުކުރި. އެ ތަފާތު މި ފެނުނީ. އެ ހިތްވަރު،" މުޑާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ރޭގެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އޭދަފުއްޓަށް ތަފާތު ދެއްކީ، ސީދާ ޕެނަލްޓީއަށް ނުކުތް ބަދަލު ކީޕަރު ހައްމަދު ޝާންއެވެ. އޭނާ ވަނީ ކާށިދޫގެ ތިން ޕެނަލްޓީއެއް މަތަކޮށްފައެވެ.
"ބަދަލު ކީޕަރަކީ އަބަދުވެސް އިތުބާރުކުރާ ކީޕަރެއް. އޭނާ އަބަދުވެސް ބުނާނެ ޕެނަލްޓީއާ ހަމައަށް ދިޔައި، ޖަހަންދާ ކުޅުންތެރިޔާ ނިންމާލަ ދެންޏާ އޭނާ ބާކީބައި ނިންމާލަ ދޭނަމޭ. އެންމެފަހުން އަތޮޅު މުބާރާތުގައިވެސް ހަމަ އެހެން ބުނެލާފައި ގޮސް ނިންމާލަ ދިނީ. މިރޭވެސް ހަމަ އެހެން މި ފެނުނީ،" ޗެރިޓީ ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިޔާ މުޑާ ބުންޏެވެ.
މުޑާ އިތުރަށް ބުނީ ރޭގެ މެޗުން ފެނުނީ އޭދަފުށީގެ އޮތް ކުރިމަގު ކަމަށާއި، އާ ކުޅުންތެރިންތަކެއް ލައިގެންވެސް މުބާރާތުގައި ތަފާތު ރޫހެއް ދެއްކޭނެ ކަމުގެ އިތުބާރު ލިބިއްޖެ ކަމަށެވެ.
"އަސްލު ކާށިދޫ ޓީމަށް ބަލާއިރު، އެޓީމު ނުކުތީވެސް ފުދޭވަރަކަށް ދުވަހު ޕްރެކްޓިސް ކޮށްލާފައި. ދެން އަހަރެމެންނަށް މި ދިމާވި ކަމަކީ ފަރިތަކުރުންތަކަށް ހުރި ޗެލެންޖްތަކެއް. އެހެންވީމަ ކުޑަ ދުވަސްކޮޅަކުން މި ޗެރިޓީ ޝީލްޑް މި ނެގުނީ ކޯޗު ކުޅުންތެރިންނަށް އިތުބާރު ކުރުމުން. އާ ކުޅުންތެރިންތަކެއް ލައިގެން މިކަން ވާނެކަން ހަމަ ފެނިގެންދިޔަ މިރޭ،" މުޑާ ބުންޏެވެ.
ޗެރިޓީ ޝީލްޑް މެޗުން ލިބުނު ފައިސާ މިފަހަރުވެސް ދީފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. އޭދަފުއްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ތިންވަނަ ޓީމެވެ. މީގެ ކުރިން ލ. ގަމުން ދެފަހަރު ޝީލްޑް ކާމިޔާބު ކޮށްފައިވާ އިރު، ގާފަރުންވެސް ވަނީ ޝީލްޑް ހޯދައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖެ އަތޮޅު ބުރުގެ މެޗުތައް މިއަދު ހަވީރު ފަށާނެއެވެ. އަދި މިރޭވެސް މެޗުތައް އޮންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް