އަނެއްކާވެސް ފުޓްސަލް އެންމެ ބޮޑު އީދަށް ތައްޔާރުވެއްޖެއެވެ. މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެންދާ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތަށް 119 ޓީމަކުން ތައްޔާރެވެ. ގާތްގަނޑަކަށް 1800 އެއްހާ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެވެ. އުތުރާއި ދެކުންނެވެ. މެދު ރާއްޖެ ތެރެއިންނެވެ. މިރެއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ފުރަތަމަ ރެއެވެ.

މުޅި ރާއްޖެ ޝާމިލުވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ މުބާރާތް މިރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ފަށާނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ ޝަރަފަށް ކުރިމަތިލާނީ މިދިޔަ އަހަރު އެންމެ ހައިރާން ކޮށްލި ކ. ކާށިދޫ އާއި ބ. އޭދަފުއްޓެވެ. ދެ ޗެމްޕިއަނުންނެވެ. ދެ ޓީމުންވެސް މިހާތަނަށް ރާއްޖޭގެ ފުޓްސަލް ރަސްކަން ހޯދީ އެއް ފަހަރުއެވެ.

ތާރީހީ ނަމަކާއި ހައިރާންކަން ގެނުވި ނަމެއް

ފުޓްސަލްގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ވާދަވެރިކަމުގެ މުޅިން އެހެން ފަންތިއެކެވެ. އެންމެ ވަގުތު ކޮޅަކަށްވެސް ފޯރި ގެއްލިގެންދާ މުބާރާތެއް ނޫނެވެ. އަތޮޅު ބުރުން ފެށިގެން އަތޮޅު ތަށިތައް އުފުލާލުމާއި، ޒޯން ބުރުގެ އިތުރުން ފައިނަލް ބުރުގައިވެސް ސަޕޯޓަރުން އެއްވާނެއްގައި ސަޕޯޓް ކުރާ މުބާރާތަކަށް ގޯލްޑަން ވަނީ ވެގެން ގޮސްފައެވެ.

އެކަމުގެ ސަބަބުތައް ބައިވަރެވެ. ރަށު ފުޓްސަލްގެ ވާދަވެރިކަމާއި، ޒަމާންވީ އަގު ހިފެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. މުބާރާތުގެ ފޯރިއަށް ރަށްރަށުގެ ރައްޔިތުން ވަދެފައިވާ މިންވަރެވެ. އޭދަފުށިން 2024 ވަނަ އަހަރު މުބާރާތުގެ ތަށި ހޯދައިގެން އެރަށަށް ދިޔުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާ އިރު، މިދިޔަ އަހަރު ކާށިދޫގެ ޖާދުވީ ދަތުރަށްވެސް އެ ޝަރަފު ރައްޔިތުން ދިނެވެ.

ކާށިދުއަކީ މިދިޔަ އަހަރުގެ ފައިނަލަށް ނުކުތް އިރުވެސް ފެވަރިޓުންނެއް ނޫނެވެ. އެހެން ނަމަވެސް، އެ ހީކުރި ހީކުރުން ގޯސްތާއެވެ. ފުޓްސަލްއަކީ ޓީމު ކުޅިވަރެއްކަން އެޓީމުން ސާބިތުކޮށްދިނީ، ތަރިންތަކަކާއެކު ނުކުމެގެން ނޫނެވެ. ތަރިންތަކެއް ރާއްޖޭގެ ފުޓްސަލްއަށް ދޫކޮށްލައިގެންނެވެ. އެ ރަން މެޑަލް އަޅާލި ކޮންމެ ކުޅުންތެރިއަކީ ތަރިއެކެވެ. ހީރޯއެކެވެ.

ކާށިދޫން ތަށްޓާއެކު ރަށުގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ޝާބިލް، ކާށިދޫ ޓީމް

ދެން އޮތީ އޭދަފުށީގެ ވާހަކައެވެ. ފުޓުބޯޅައިގެ އިތުރުން ފުޓްސަލްއާއި އެހެން ބައެއް ކުޅިވަރުތަކުގައިވެސް ނަން ހިނގާ ރަށެކެވެ. ތަޖުރިބާގެ ގޮތުން ބޮޑު ރަށެކެވެ. ހަމަ ޔަގީނުންވެސް އެއްވެސް ހާލެއްގައި އޭދަފުށީގެ ނަމެއް މަޑުން ކިޔައިގެން ނުވާނެތާއެވެ. މިއަދަކީ "ހޮނިހިރު" ދުވަހެވެ. އެހިސާބުންވެސް އޭދަފުށީގެ ހުރިހާ ރައްޔިތުންނަށް ބުނަން އުޅޭ ވާހަކަ ސިފަވާނެއެވެ. ކުޅިވަރާ ގުޅިފައިވާ، ކާމިޔާބާވެސް ގުޅިފައިވާ ވާހަކައަކަށް ވެދާނެއެވެ.

ތަފާތުތަކެއް ހުރި ދެ ރަށަކުން ތަފާތު ވާދަވެރިކަމަކަށް ނުކުންނަ އިރު، ބެލުންތެރިން މަޔޫސްނުވާނެކަން ޔަގީންވެއެވެ.

ޗެރިޓީ ޝީލްޑްގެ ތާރީހަށް މުހިއްމު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ގަން ވާދަކުރީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އެ ފަހަރު ޝީލްޑް މެޗުގައި ފަހުވަގުތު ތ. ތިމަރަފުށި ކޮޅަށް ގޯލު ޖަހައިގެން ގަމުން ޗެރިޓީ ޝީލްޑް އުފުލާލީ 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އެއީ ފުރަތަމަ ޝީލްޑް މެޗެވެ. އޭގެފަހުން މިދިޔަ އަހަރުގެ ޗެމްޕިއަނަކީވެސް ގަމެވެ. އެފަހަރު ގަމުން އޭދަފުށި ބަލިކުރީ 1-0 އިންނެވެ.

އޭގެ ކުރިން ގާފަރު ޝީލްޑް ނެގީ ތިމަރަފުށި ބަލިކޮށްގެންނެވެ.

އެހެންކަމުން ގަމާއި ގާފަރުގެ އެ ތާރީހަށް ބަދަލު ގެންނަން މިރޭ ދެޓީމަށްވެސް މެޗު މުހިއްމެވެ. ތާރީހުގައި ނަން ލިޔެލުމަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މިރޭ ފަށަނީ ތާރީހީ 10 ވަނަ މުބާރާތެވެ. އެންމެފަހުން ދެ މުބާރާތުގައި ވެސް، ކޮންމެ މުބާރާތެއްގައި 300 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، މިފަހަރުވެސް 119 ޓީމަކުން ވާދަކުރާނެއެވެ. ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ފެނިގެންދާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަސްމީ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މިފަހަރުވެސް "ވަން ސްޕޯޓްސް" ހަރަކާތްތެރިވާނެއެވެ. "ވަން ސްޕޯޓްސް"އިން ވަނީ މީގެ ކުރިން ހަތަރު އަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ޗެރިޓީ ޝީލްޑްގެ ހަރަކާތްތައް މިރޭ ފަށާނީ 20:15 ގައެވެ.