އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުންވެސް ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ލީޑްސް ކައިރިން 0-0 އިން އެއްވަރުވެފައިވާ އިރު، ސިޓީން ގޯލެއް ނުޖެހި އެއްވަރުވީ ރަށުން ބޭރުގައި ސަންޑަލޭންޑް ކައިރިންނެވެ. އޭގެ އިތުރުން ރޭ ޓޮޓެންހަމްއާއި ބްރެންޓްފޯޑު ކުޅުނު މެޗުވެސް އެއްވަރުވީ ގޯލެއް ނުޖެހިއެވެ.

ސިޓީގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލަށް ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެއީ 19 މެޗުން 45 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ސިޓީ އޮތީ 19 މެޗުން 41 ޕޮއިންޓާއެކުގައެވެ. މިވަގުތު ލިވަޕޫލް ހަތަރު ވަނައިގައި އޮތް އިރު، އެޓީމަށް 19 މެޗުން 33 ޕޮއިންޓް ލިބިފައިވެއެވެ.

ލިވަޕޫލުން ކުޅުނު މެޗުގައި އެޓީމުން ބޮޑަށް ޑޮމިނޭޓް ކޮށް ކުޅެފައިވާ އިރު، ކުރީކޮޅުގައި ހޫގޯ އެކަޓީކޭ ހަނި އޭންގަލުން ފޮނުވާލި ބޯޅަ މަތަކުރީ ލޫކަސް ޕެރީއެވެ. އޭގެ އިތުރުން ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅަވެސް ޕެރީ މަތަކުރިއެވެ.

އޭގެ އިތުރުންވެސް އެކިޓީކޭއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، ޑޮމިނިކް ޒޮބޮސްލާއީގެ ހަމަލާވެސް ކާމިޔާބެއް ނުވިއެވެ. ލީޑްސްއިންވެސް ދެވަނަ ހާފުގައި ނުރައްކާ ކުރި އިރު، ޑޮމިނިކް ކަލްވާޓް-ލެވިން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާވެސްލިއެވެ. އެހެން ނަމަވެސް ގޯލަކަށް ނުވީ އޮފްސައިޑް ވުމުންނެވެ.

ސިޓީން ކުޅުނު މެޗުގައިވެސް ދެ ޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނުނެވެ. ކުރީކޮޅުގައި ބަނާޑޯ ސިލްވާ، ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

އޭގެފަހުން އާލިން ހާލަންޑްގެ ހަމަލާ ސަންޑަލޭންޑް ކީޕަރު އަތަށް ދިޔަ އިރު، އަނެއްކޮޅުން ބްރައިން ބްރޮބޭ ފޮނުވާލި ހަމަލާ މަތަކުރީ ޖިއާންލުއީޖީ ޑޮނަރޫމާއެވެ. ދެވަނަ ހާފުގައިވެސް ސިޓީން ނުރައްކާ ކުރި އިރު، ޖޮސްކޯ ގްވާޑިއޯލްގެ ހަމަލާ އަމާޒުވީ ދަނޑިއަށެވެ.