މި ފެށުނު 2026 ވަނަ އަހަރުގެ ފުރަތަމަ ފަސިންޖަރަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މިއަހަރުގެ ފުރަތަމަ ފަސިންޖަރުގެ ޝަރަފު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ, 54އ އެވެ.

ތޯމަސް ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއެކުއެވެ. މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ތޯމަސްއަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސްއަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.

އެ ހަފުލާގައި ތޯމަސްއަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި އެއާޕޯޓުތަކުގެ ހިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.