ވިއު ކޮންސްޓްރަކްޝަން އޮފީސް ފަޅާލައި ދެ ތިޖޫރިއެއް ފަޅާލައި އެއިން ވައްކަންކުރި މައްސަލަ ސާބިތުވުމުގެ ސަބަބުން ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު، ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 20 އޮގަސްޓް 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ގ. ނިޔުޝާރާޒްގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައި އެތާ އެތެރެއަށް ބަޔަކާއެކު އަރުޝަދު ވަދެ، އެތަނުގައި ހުރި ދެ ތިޖޫރިއަށާއި އަދި އެހެންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކޮށްފައިވާ މައްސަލައިގައި ކުރި ދައުވާއެކެވެ. ދައުވާގައިވާ ގޮތުން މި މައްސަލައިގައި ވައްކަންކުރަން އުޅުނު މުދަލުގެ އަގަކީ 50،000 ރުފިޔާއެވެ.
ކުރިމިނަލް ކޯޓުން މީގެ ކުރިން މި މައްސަަލަ ބެލުމަށްފަހު ނިންމާފައިވަނީ އަރުޝަދުގެ މައްޗަށް ވައްކަމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. ދައުލަތުން، ކުރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ނިންމާފައިވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކަމަށާއި އެ މައްސަލަ އަލުން ދަށު ކޯޓަށް ތަހުވީލު ކުރުމަށެވެ.
ހައިކޯޓުގެ ނިންމުމާ އެއްގޮތަށް ކުރިމިނަލް ކޯޓުން އަލުން ވަނީ މި މައްސަލަ ބަލައިފައެވެ. ކުރިމިނަލް ކޯޓުން އިއްޔެ މި މައްސަލައިގައި ކުރި ހުކުމުގެ ރައުޔުގައި ވަނީ މި މައްސަލައިގައި ހެކިބަސް ދިން ފުުލުހުންގެ ހެކިބަހުން އަރުޝަދު ވައްކަން ކުރުމުގައި ޝާމިލުވާކަން އެނގޭ ކަމަށެވެ.
ވިއު ކޮންސްޓްރަކްޝަން އޮފީހުން ނަގާފައިވާ ސީސީޓީވީ ފޫޓޭޖާއި، ޝޫ ޕްރިންޓުގެ ޗެއިން އޮފް ކަސްޓަޑީ ރަނގަޅަށް ބަލަހައްޓާފައިނުވާކަން އަރުޝަދުގެ ފަރާތުން ފާހަގަކުރިއެވެ. އެގޮތުން ވިއު ކޮންސްޓްރަކްޝަން އޮފީހުން ސީސީޓީވީ ފުޓޭޖު ނަގާފައިވަނީ ކޮން ފަރާތެއްކަން މި މައްސަލައިގައި ހެކިބަސް ދިން ފުލުހެއް ކަމަށްވާ އާދަމް މުހައްމަދަށް ނޭނގޭ ކަމަށާއި އަދި އެ ހެކި އާދަމް މުހައްމަދަށް ގެނެސްދިނީ ކާކުކަމެއްވެސް ނޭނގޭކަމަށް، އަރުޝަދުގެ ފަރާތުން ފާހަގަކުރިއެވެ. ނަމަވެސް މައްސަލައިގެ ހުކުމުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ އެ އެވިޑެންސް އާދަމް މުހައްމަދުއާ ހަމައަށް ގެނެސްދިނީ އެހެން ފުލުހެއް ކަމަށްވާ މަރްޔަމް ލިފްޝާ ކަމަށާއި އެކަން ޗެއިން އޮފް ކަސްޓަޑީގައި ހިމަނާފައިވާ ކަމަށެވެ. ހެކި ނެގި ފަރާތްވެސް ޗެއިން އޮފް ކަސްޓަޑީން އެނގެން އެބައޮތް ކަމަށް ރައުޔުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންވެ ޗެއިން އޮފް ކަސްޓަޑީއާ ގުޅޭގޮތުން ދިފާއުން ފާހަގަކުރަނީ މާނައެއް ނެތް ކަންތައްތަކެއްކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށްކަމަށް އަރުޝަދުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފުލުހުން ތަނެއް ބަލައިފާސްކުރަމުންދާއިރު ފޮޓޯއާ ވީޑިއޯ ނެގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށާއި ނަމަވެސް ފުލުހުން ބަލައިފާސްކުރިއިރު ފޮޓޯއާއި ވީޑިއޯ ނަގާފައިނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައުޔުގައި ބަޔާންކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ ސީން ބަލައި ފާސްކޮށް އެކަމުގެ ރިކޯޑު ލިޔުމުން ދިނުމާގުޅުންހުރި މާއްދާތަަކަކީ އަރުޝަދުއާ ގުޅޭ އެއްވެސް ހައްގެއް އެކުލެވޭ ކަމެއްކަމަށް ނުވާތީ އެ ރިކޯޑު ބަލަހައްޓާފައިވޭތޯ ނުވަތަ ނުވޭތޯ ބެލުމާ ގުޅިގެން ސުވާލެއް އުފެއްދުމުގެ ހައިސިއްޔަތު އަރުޝަދުއަށް ލިބިގެންނުވާ ކަމަށެވެ.
ރައުޔުގައި ބަޔާންކޮށްފައިވަނީ ވައްކަންކުރުމުގެ ކުށުގެ އަމަލު ފުރިހަމަކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅެއް އަޅައިފިކަން ރަމްޒުކޮށްދޭފަދަ އަމަލެއް އަރުޝަދު ކޮށްފައިވާކަން ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށެވެ. ވައްކަންކުރަން އުޅުނު މުދަލުގެ އަގު 50،000 ރުފިޔާއަށްވުރެ ބޮޑުކަންވެސް ދައުލަތުން ސާބިތުކޮށްދިއިރު މި މައްސަލައިގައި ހެކިބަސް ދިން އިބްރާހިމް ކިޔައިދީފައިވާ ވާހަކަތަކުގައި ވިއު ކޮންސްޓްރަކްޝަންގެ އޮފީހުން ތިޖޫރީ ހިފައިގެން ނުކުތީ އަރުޝަދުކަން އެނގޭ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖުން އަރުޝަދު ވިއު ކޮންސްޓްރަކްޝަން އޮފީހަށް ވަދެއުޅުނު މަންޒަރު ފެންނަކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އޮފީހުގެ މޭޒެއް މަތިން އަރުޝަދު އަރައިގެން ހުރި ފައިވާނުގެ ޝޫ ޕްރިންޓު އިމްރެޝަނާ ދިމާވާ ދެ އިމްރެޝަންއެއް ފެނިފައިވާކަމަށް ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އެހެންވެ ދައުވާ ސާބިތުވާކަމަށް ރައުޔުގައިވަނީ ކަނޑައަޅައިފައެވެ.
މި ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެ އަދަބާ މެދު އިއުތިރާޒެއް ނެތް ކަމަށާއި ނަމަވެސް އަދަބު، ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށެވެ. ރައުޔުގައިވާ ގޮތުން ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށް އަރުޝަދު އެދުނު ނަމަވެސް އޭނާއަކީ އާމްދަނީ ލިބޭކަން ނުވަތަ އެ ފައިސާ ދެއްކޭނެކަމުގެ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ އަރުޝަދުގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާވެސް ކޮށްފައެވެ. ހުކުމުގެ ރައުޔުގައި ބަޔާންކޮށްފައިވަނީ ވައްކަންކުރުމުގެ ދައުވާއަކީ ދެވަނައަށް އެންމެ ބޮޑު އަދަބު ކަނޑައެޅިފައިވާ ކުށްކަމަށް ވާތީ ގާނޫނުލްއުގޫބާތުގެ ދަށުން ވައްކަމުގެ ކުށަށް ކަނޑައެޅޭނީ އަދަބުގެ ދެބައިކުޅަ އެއްބައި ކަމަށްވާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.
އެހެންވެ ކުރިމިނަލް ކޯޓުން ހުކުމްކުރީ އަރުޝަދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށެވެ.
މުދަލަށް ގެއްލުންދިނުމުގެ ދައުވާ ސާބިތުވުމުގެ ސަބަބުން އަރުޝަދު ފަސް މަހާއި ނުވަ ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
އަރުޝަދަކީ ރާއްޖެއަށް 119 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ފަރާތެވެ. އަދި އޭނާއަކީ 30 ޖަނަވަރީ 2020 ގައި ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރި މީހާ ކަމަށް ތުހުމަތުވާ މީހާއެވެ. އެ އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގު 4.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް