ރާއްޖެއަކީ، މުޅި ދުނިޔެއިންވެސް ފަތުރުވެރިކަމަށް އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ފަތުރުވެރިކަން ކުރާ އެއް ގައުމު ކަމަށްވީ އިރު، ފަތުރުވެރިން އިތުރަށް ގެނައުމަށް އެންމެ ބޮޑު ހުރަހަކަށް ވެފައި ކުރިން އޮތީ ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ އެއާޕޯޓަކަށް އޭރު އޮތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެކަންޏެވެ.
މީގެ ކުރިން ރާއްޖޭގެ މައި ދޮރާށި ވެސް ހުރީ ބާވެފައެވެ. މީގެ 47 އަހަރު ކުރީން 1978 ވަނަ ހުޅުވި، އެ އެއާޕޯޓު ބަވަނަ ވަމުން އަންނަ ދުނިޔެއާ ރާއްޖެއާ ގުޅުވައިލަން ކުޑަވިތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. ޓާމިނަލްގެ ހަގީގީ ކެޕޭސިޓީއަކީ، ދުވާލަކަށް 2،000 އެއްހާ މީހުންނެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެއަށް އަންނަ މީހުން އިތުރުވުމުގެ ސަަބަބުން ދުވާލަކަށް 23،000 މީހުންނަށް އެ ކުޑަކުޑަ ޓާމިނަލުން ހިދުމަތް ދޭންވެސް ޖެހުނެވެ.
އެ ސަބަބުތަކާ ގުޅިގެން ވީއައިއޭގެ އާ ޓާމިނަލާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތް ފެށިގެންދިޔައެވެ. އެ މަސައްކަތް ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، ދިގު އިންތިޒާރަކަށްފަހު އެ ޓާމިނަލުތައް ހުޅުވާފައިވަނީ ނިމިގެން މިދިޔަ 2025 ވަނަ އަހަރުއެވެ.
ވީއައިއޭގެ "ސަޅި" ޓާމިނަލް!
ރާއްޖޭގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ކަމުގައިވާ ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅެވެ. އެ މަޝްރޫއު ހަވާލުކުރީ، ސައުދީ ބިންލާދިން ގްރޫޕާއެވެ.
ކުރިން ވެސް ބޭނުންކުރާ ޕެސެންޖާ ޓާމިނަލްގެ އުތުރުން އެ ޓާމިނަލާ އިންވެގެން، 78،000 އަކަ މީޓަރުގެ ބިޔަ ޓާމިނަލެއްގެ މަސައްކަތް ފެށީ އިގުތިސޯދީ މައި މަޝްރޫއެއްގެ ގޮތުގައެވެ. އެ ޓާމިނަލުން އަހަރަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. އެކި ދުވަސްވަރު އެ މަޝްރޫއަށް ގެނައި ބަދަލުތަކާއެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުުކުރިއެވެ. އާ ޕެސެންޖާ ޓާމިނަލުގެ މަސައްކަތްތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ކުރިއެވެ. އެކަމަކު، ޓާމިނަލްގެ މަސައްކަތް ނިންމައި އެންމެ ފަހުގެ ކަންކަން ފުރިހަމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުންނެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ނިމިފައި ހުރީ ޓާމިނަލުގެ 30 ޕަސެންޓް ކަމަށާއި މަސައްކަތްތައް "ތާށިވެފައި" ވަނިކޮށް ރައީސް ވެރިކަމަށް ވަޑައިގެން އެންމެ ދޮޅު އަހަރުން މަންޒަރު ބަދަލުކޮށްލާފައިވާ ކަމަށެވެ.
އެމްއޭސީއެލް ހިންގުމާ ޝަރީފް ހަވާލުވެވަޑައިގެންނެވި އިރު ހުރީ ހިޔާކޮށްފައި ހުރި ފާރުތަކެއް ކަމަށާއި ޓާމިނަލަށް ކަރަންޓު ދޭނެ ގޮތެއް ނެތް އަދި ކަރަންޓު ވިއުގައެއް ވެސް ނެތް ކަމަށެވެ. ނަރުދަމާގެ ނިޒާމެއް އަދި ފެން ހިންދާނެ ގޮތަކާއި ޓާމިނަލާ ގުޅޭ މުހިއްމު މަގެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"ބޭރުން ފައިސާ ލިބުން އޮތީ އިންތިހާއަށް ދަތިވެފައި. ނަމަވެސް މި މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވީ މާ ކުޅަދާނަ ފަހުލަވާނެއް، ދާންވީ މަގު ކޮށްޓަވައިދެއްވާ ތިރީހަކަށް އިންސައްތަ ނިމިފައި އޮތް މި މަސައްކަތް އެންމެ ދޮޅު އަހަރުން 70 ޕަސެންޓް ނިންމައި ކާމިޔާބުގެ މަންޒިލަށް ވަޑައިގެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު،" ޝަރީފް ވިދާޅުވެފައިވެއެވެ.
އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް މިހާރު އެއްކޮށް ނިންމައި، ސަރުކާރުން ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މިނިވަން ދުވަސް، ޖުލައި 26 ގައި ކުލަގަދަ ރަސްމިއްޔާތަކާއެކު އެ ޓާމިނަލް ހުޅުވައިފައެވެ. ޓާމިނަލުން ފުރިހަމަކަމާއެކު ހިދުމަތްދިނުމުގެ ގޮތުން، އެމްއޭސީއެލުން ޓާމިނަލް ހުޅުވާފައިވަނީ އެކަމަށް ތައްޔާރުވެ، އޮރާޓް ޕްރޮސެސްތައް ފުރިހަމަކުރުމަށްފަހުއެވެ.
ތިން ބުރީގެ ބިޔަ ޓާމިނަލުން ވަދެގެންދާ އިރު، އެތަނުގެ އިންޓީރީއާވެސް ވަރަށް ހިތްގައިމެވެ. ޓާމިނަލެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ފުރިހަމަވާ އިރު، ޓާމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ. އެގޮތުން ސެލްފް ސާވިސް ކައުންޓަރުތަކާއެކު ޖުމުލަ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދެއެވެ. އެކަމުގެ ސަބަބުން ފުރާ މީހުންނާއި އަންނަ މީހުންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންދެއެވެ.
އެ ޓާމިނަލްގެ ތެރެއިން ފެންނަނީ ޒަމާނީ އެއާޕޯޓެއްގެ ފުރިހަމަ ސިފަތަކަވެ. ތަރައްގީވެފައިވާ ގައުމުތަކުން ފެންނަ ފަދަ ފުރިހަމަ ބޮޑު އެއާޕޯޓެއްގެ ޓާމިނަލްގެ ކޮލިޓީއެވެ.
މުޅި ޓާމިނަލް ސީސީޓީވީން ކަވަރު ކުރާ އިރު، ސަލާމަތީ ގޮތުން ބެލިޔަސް އާ ޓާމިނަލީ ރައްކާތެރި ޓާމިނަލެކެވެ. ޓާމިނަލްގެ ބިޔަކަމާއެކުވެސް، ޓާމިނަލަށް އަލަށް ވަންނަ މީހަކަށްވެސް ދެވޭ ނުދެވޭ ތަންތަން އެނގޭނެ ގޮތަށް ނިޝާންތައް ކުރަހާފައިވާ އިރު، އެއާޕޯޓުގެ މުވައްޒަފުންވެސް ފަސިންޖަރުންނަށް އިރުޝާދުތައް ދީ އެހީތެރިވުމަށް އަަބަދުވެސް ހަރަކާތްތެރިވެއެވެ.
އާ ޓާމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއެވެ. ޖުމުލަ ހަ ކޮންވޭޓާ ބެލްޓު އާ ޓާމިނަލްގައި ހުންނަ އިރު، ބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އިންތިޒާމުތައްވެސް މުޅީން އަލަށް ވަނީ ހަމަޖައްސައިފައެވެ.
އާ ޓާމިނަލުން ފުރަތަމަ ހަމައެކަނި މޯލްޑިވިއަންގެ ފުލައިޓުތަކަށް ހިދުމަތްދެމުންދިޔަ ނަމަވެސް، ވަކި މަރުހަލާއެއްގެ ދަށުން އެކި އެއާލައިންތައް އަންނަނީ އިތުރުކުރަމުންނެވެ. އެގޮތުން އާ ޓާމިނަލުން މިހާރު ދަނީ 39 އެއާލައިނަކަށް ހިދުމަތްދެމުންނެވެ.
ދިގު އިންޒާރަކަށްފަހު ހަނިމާދޫ އެއާޕޯޓު ހުޅުވުން!
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތަކަށްފަހު ރަސްމީކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 9 ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހެދިއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ވަނީ ގާއިމުކޮށްފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދިޔަ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމު ކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން، އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް މިހާރު ހިދުމަތްދެވޭނެއެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އުތުރުގެ ތަރައްގީގެ ދޮރާށި ކަމަށާއި އެ ދޮރާއްޓަކީ އިންވެސްޓަރުންނަށް ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެ އެއާޕޯޓުގެ ސަބަބުން މުޅި އުތުރުގެ ޓޫރިޒަމާއެކު އެހެނިހެން ދާއިރާތަކަށް ވެސް ތަރައްގީ އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ހަނިމާދޫގެ އެއާޕޯޓު ހުޅުވުމަކީ ދިވެހި ވިޔަފާރިވެރިންނަށް ވެސް، ވިޔަފާރި ފުޅާކުރުމަށް އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް އެއީ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. ރައީސް ވަނީ އިންވެސްޓަރުންނަށް އުތުރުގައި ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ދައުވަތު ވެސް އަރުވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވެފައިވަނީ މި ސަރުކާރު ހަވާލުވި އިރު، ހަނިމާދޫ އެއާޕޯޓުގެ ވެސް ނިމިފައިވަނީ 30 ޕަސަންޓު މަސައްކަތް ކަމަށާއި އޭރު ޕެސެންޖާ ޓާމިނަލާއި ކާގޯ ޓާމިނަލް ބިލްޑިން އާއި ޖެޓީ އާއި ފަޔާސް ޓޭޝަނެއް އަދި އިންޖީނުގޭގެ މަސައްކަތް ވެސް ނިމިފައިނުވާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ މަންޒަރު ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށާއި އެ މަންޒަރު އޮތީ މާ ދުރަކު ނޫން ކަމަށާއި ބޮއިންގް 737 އާއި އޭ-320 މަރުކާގެ ބޮޑެތި މަތިންދާ ބޯޓާއެކު ޕްރައިވެޓް ޖެޓްތަކާއި އެންމެ ފަހުގެ ޒަމާނީ ޖެޓްތަކުން އެ އެއާޕޯޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާ މަންޒަރު ވެސް ފެނިގެންދާނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ވީއައިއޭ އަދި ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިމިގެން މިދިޔަ އަހަރު ހުޅުވިގެންދިޔަ ނަމަވެސް، އެ ޓާމިނަލްތަކުގެ ހަގީގީ މަންފާ ފެނިގެންދާނީ މި ފެށުނު 2026 ވަނަ އަހަރުން ފެށިގެންނެވެ. އެ ޓާމިނަލުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
އިޔާ އިން ރިވިއު 2025
ކޮމެންޓް