އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލުން ކުޅުނު މެޗުތަކުން މޮޅުވި ނަމަވެސް، ޗެލްސީން އެސްޓަން ވިލާ ކައިރިން ބަލިވެއްޖެއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލުން ރޭ ބްރައިޓަން ކައިރިން މޮޅުވީ 2-1 އިންނެވެ. ސިޓީން ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން 2-1 އިން މޮޅުވި އިރު، ލިވަޕޫލުން އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 2-1 އިންނެވެ. އަދި ޗެލްސީން އަމިއްލަ ދަނޑުގައި ވިލާ ކައިރިން ބަލިވީ 2-1 އިންނެވެ. އެއީ ފުރަތަމަ ލީޑު ނަގާފައި ވަނިކޮށެވެ.

އާސެނަލުން މިވަގުތު އެއްވަނައިގައި އޮތީ 18 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ސިޓީ، 18 މެޗުން 40 ޕޮއިންޓާއެކު އޮތް އިރު، ވިލާ ވަނީ ކްލަބު ރެކޯޑު މޮޅެއް ހޯދައި ތިންވަނައަށް ޖެހިލައިފައެވެ. އެއީ 18 މެޗުން 39 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނައިގައި 18 މެޗުން 32 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު، ޗެލްސީ ފަސްވަނައިގައި އޮތީ 18 މެޗުން 29 ޕޮއިންޓާއެކުގައެވެ.

އާސެނަލުން ކުޅުނު މެޗުގެ ކުރީކޮޅުގައި މާޓިން އޮޑެގާޑް ޖަހައިދިން ގޯލާއެކު އެޓީމުން ލީޑު ނަގާފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެއޯޖީނިއޯ ރުޓާ އަތުން ބައިކޮޅަށް ވަން ގޯލުން އެޓީމުގެ ލީޑު ފުޅާވެސް ކުރިއެވެ.

އޭގެ އިރުކޮޅެއްފަހުމް، 64 ވަނަ މިނެޓުގައި ޑިއޭގޯ ގޮމޭސް، ބްރައިޓަންއަށް ގޯލެއް ޖަހައިދިން ނަމަވެސް، އެޓީމަށް މެޗު އެއްވަރު ކުރެވޭނެ ގޮތެއް ނުވިއެވެ.

ސިޓީން ރޭ އުނދަގޫ މޮޅެއް ހޯދި އިރު، އެޓީމަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިދިނީ ޓިޖާނީ ރެއިންޑާސްއެވެ. އެ ގޯލަށް މާގިނައިރެއް ނުވެ، އޮމާރީ ހަޗިންސަން ޖެހި ގޯލުން ފޮރެސްޓް އެއްވަރުކުރި ނަމަވެސް، 83 ވަނަ މިނެޓުގައި ރަޔަން ޗެރްކީ ވަނީ ސިޓީ މޮޅުކޮށްދީފައެވެ.

ލިވަޕޫލްގެ ފަރާތުން އަދިވެސް މި ސީޒަނުގައި އެންމެ ރަނގަޅު ފޯމެއް ފެނިގެން ނުދާ އިރު، ރޭގެ މެޗުންވެސް މޮޅުވީ އުނދަގުލުންނެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ރަޔަން ގްރެވެންބާޗާއި ފްލޯރިއަން ވާޓްސް ޖެހި ގޯލްތަކުން އެޓީމު ހަމަޖެހިލި ނަމަވެސް، ދެވަނަ ހާފުގައި ވުލްވްސްގެ ސަންތިއާގޯ ބުއޭނޯ ގޯލެއް ޖަހައި މެޗު އުނދަގޫ ކޮށްލިއެވެ.

އެހެން ނަމަވެސް، ފަހުވަގުުތު ލިވަޕޫލުން ވަނީ މޮޅަކަށް ހިތްވަރު ކޮށްފައެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފް ޑޮމިނޭޓް ކުރީ އެޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ރީސް ޖޭމްސްގެ ކޯނަރެއްގައި ޖުއާއޯ ޕެޑްރޯ އެޓީމަށް ލީޑު ނަގައިދިނެވެ.

އެހެން ނަމަވެސް އޮލީ ވޮޓްކިންސް ފަހު ހާފަށް ނުކުމެ ދެ ގޯލް ޖަހައި ވިލާގެ ރެކޯޑު ދެމެެހެއްޓިއެވެ. ވިލާއިން އެންމެފަހުން ލީގުގައި ކުޅުނު 11 މެޗުންވެސް މޮޅުވެފައިވާ އިރު، އެއީ 1914 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ.

އެންމެ މޮޅަކާއެކު ވިލާއަށް 100 އަށްވުރެ ގިނަ އަހަރުވީ ރެކޯޑު މުގުރާލަން ވަނީ ފުރުސަތު ލިބިގެން ގޮސްފައެވެ.