މިދިޔަ 2025 ވަނަ އަހަރަކީ، ރާއްޖޭގައި ބޮޑު ނުރައްކަލަކަށް ވެފައިވާ ގޭންގް ކުށްތަކާއި ނުރައްކާތެރި އަދި ބޮޑެތި ކުށްތައް ހުއްޓުވުމަށް، މުޅީން އާ ގާނޫނަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދިޔަ އަހަރެކެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި މީގެ ކުރީންވެސް ދެ ގާނޫނެއް އައީ ތަންފީޒު ކުރަމުންނެވެ. އެއީ2010 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި "ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު، އާއި "ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު" އެވެ.

ނަަމަވެސް 2025 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 25 މެއިގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި އަމަލު ކުރާން ފެށި، "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" އާ އެކު ކުރީން އަމަލު ކުރަމުންދިޔަ ދެ ގާނޫނު އުވައިލިއެވެ.

ސަރުކާރުން ހުށަހަޅައިގެން، ގޭންގު ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން އާ ގާނޫނެއް ފާސް ކުރުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި، އާއްމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްްކާތެރި ކުރުމަށް ތަފްސީލީ ގާނޫނީ އޮނިގަނޑެއް ގާއިމްކޮށް ތަންފީޒު ކުރުމެވެ.

އޭގެ އިތުރުން އެފަދަ ކުށްތައް ހިންގާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުމާއި، ނުރައްކާތެރި ކުށްތަކުން ކުޑަކުދީންނާއި ޒުވާނުން ދުރުކޮށް އެ ފަރާތްތަކަށް ރައްކާތެރިކަން ދީ، ހެޔޮ ގޮތުގައި މުޖުތަމައަށް ރުޖޫއަ ވުމަށް މަގުފަހިކޮށްދިނުންވެސް ހިމެނެއެވެ. އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ހާއްސަ އުސޫލުތައް ކަނޑައެޅުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެެރެއިން---ފޮޓޯ: މަޖިލިސް އިދާރާ

އާ ގާނޫނުގެ ސަބަބުން އަންނާނެ މުހިންމު ބަދަލުތައް:

  • ގޭންގުތަކުގެ ބާރުވެރިކަން ކަނޑުވައިލުމުގެ ގޮތުން، ގޭންގުތަކާއި، ގޭންގްތަކާ ގުޅިފައިވާ ފަރާތްތަކަކީ ކޮބައިކަން ކޯޓު މެދުވެރިކޮށް ކަނޑައެޅުން
  • ގޭންގުތަކަށް ފައިސާ ހަރަދުކުރާ މީހުން ހުއްޓުވުން
  • ގޭންގްތަކާ ގުޅިގެން، ނުވަތަ އެނޫން ބޮޑެތި ކުށްކުށަށް އަރައިގަނެގެން، ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ހޯދާފައިވާ ފައިސާ އާއި މުދާ ކޯޓު މެދުވެރިކޮށް ދައުލަތަށް ނެގުން
  • ގޭންގް ހަރަކާތްތަކާ ދެކޮޅަށް ކޮންޓްރޯލް ޑެލިވަރީ އަދި ސިއްރު އޮޕަރޭޝަންތައް ކުރިއަށްގެންދިއުން
  • ކުޑަކުދީން ގޭންގްތަކާ ގުޅުމާއި، ބޮޑެތި ކުށްތައް ކުރުމުގައި ބައިވެރިވުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
  • ހާއްސަ މޮނިޓަރިން ކުރިއަށްގެންގޮސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވުން

މި ގާނޫނުގައި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކުގެ ގޮތުގައި، ހަ ކުށެއް ވަނީ ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • މަސްތުވާތަކެތި ޓްރެފިކް ކުރުން
  • މީހުން ޓްރެފިކް ކުރުން
  • ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރި ކުރުން
  • އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން
  • ނުރައްކާތެރި ކުށް
  • އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހައި ކުށްތައް
ހުޅުމާލެ ޖަލު --- ވަން ފޮޓޯ/ މުހައްމަދު އައުޒަމް

މި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ދޭން ވަނީ ހިމަނައިފައެވެ.

އެގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފައްދަން އުޅުމާއި އެކަމަށް އެހީތެރިވުމާއި، އެއްވެސް ސިފައެއްގައި އެކަމުގައި ބައިވަރިވުމާއި، އެފަދަ ގްރޫޕެއް އުފައްދައި ހިންގުމާއި، އެފަދަ ގްރޫޕަކަށް މީހުން ހޯދުމާއި އެފަދަ ގްރޫޕެއްގެ ހަރަކާތުގައި ބައިވެރި ވެއްޖެނަމަ، 8 އަހަރުން ފެށިގެން 25 އަހަރު ދުވަހާހަމައަށް ޖަަލަށް ލުމާއެކު، އެއް މިލިޔަނުން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ވަނީ ޖޫރިމަނާ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެފަދަ ގްރޫޕެއްގެ ނިޝާން ހާމަ ކުރުމާއި، އެ ނިޝާން އާއްމުން ތަންތާނގައި ކުރެހުމާއި ހަރު ކުރުމާއި، އެފަދަ ގްރޫޕަކަށް ތާއީދު ހޯދުމާއި، އެފަދަ ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުން ކުރާ ފަރާތްތައް، ތިން އަހަރުން ފެށިގެން 8 އަހަރު ދުވަހާ ހަމައަށް ޖަލަށް ލުމާއެކު، ދެ ލައްކައިން ފެށިގެން ހަތް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނުގައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅޭގޮތުން ޝަރީއަތުގައި މީހަކު ހެކިބަސްދިނުން ހުއްޓުވުމަށް ޓަކައި ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތަކަށް މައުލޫމާތު ދިނުން ހުއްޓުވުމަށްޓަކައި، އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ އިންޒާރުދިނުމާއި، އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ކުށެއްކަމަށް ކަނޑައަޅައި އެފަދަ ފަރާތްތައް، ތިން އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަަލަށް ލުމާއެކު، ހަތް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅައިފައެވެ.

މި ގާނޫނުގެ މިބައިގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކުރީ ގާނޫނީ ޝަޚްސަކުން ކަމުގައިވާ ނަމަ، ނުވަތަ އެކަން ކުރީ، އެ ގާނޫނީ ޝަޚްސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެ ޝަޚްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައި ވާ ނަމަ، އެކަމެއް ކުރި މީހާއާއި އެމީހަކު ނިސްބަތްވާ ޤާނޫނީ ޝަޚްސު އެ ކުރަނީ ކުށެކެވެ.

ނަމަވެސް ކުރީން މި ފާހަގަ ކުރި ފަދަ ކުށްތަކުގެ ތެރެއިން ކުށެއް ކުރީ ގާނޫނީ ޝަޚުސަކުން ނަމަ، ނުވަތަ އެކަން ކުރީ، އެ ގާނޫނީ ޝަހްސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެ ޝަޚުސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު، ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމަށް ވާނަމަ، އެމީހެއްގެ އަދަބަކީ، ފަސް މިލިޔަން ރުފިޔާއާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ އަަމަލު ކުރީ ގާނޫނީ ޝަހްސަކުން ކަން ސާބިތުވެއްޖެ ނަމަ އެ ޝަހްސު އުވާލުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނުހައްގު މުއްސަނދިކަން:

އިންތިޒާމު ވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ އެއްވެސް މީހަކު، ނުޙައްގު މުއްސަނދިކަން ހޯދައިފި ނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

އެފަދަ ގޮތަކަށް ނުހައްގު މުއްސަނދިކަން ހޯދާ މީހަކު، ފަސްލައްކަ ރުފިޔާ އާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެމީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅަދިނުމަށް ހައިކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު މި ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލަށް (ޕީޖީ) އަށް ވަނީ ދީފައެވެ.

މި ގާނޫނުގައި ކަނޑައަޅާފައިވާ ހަ ކުށުންކުރެ ކުށެއް ސާބިތުވެއްޖެ ނަމަ، އެމީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަދިކަމެއްކަމަށް ކަނޑައަޅައި، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓުން އަމުރު ކުރަންވާނެކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

  • ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށްކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކުރުމަށް ބޭނުންކުރި މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށްކޮށްގެން ހޯދާ މުދަލަކުން، ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ލިބޭ މުދާ

މީގެ ތެރެއިން ޝަރީއަތުގައި ކުށެއް ސާބިތު ނުވި ނަމަވެސް، މީހެއްގެ ފައިސާ އާއި މުދާ ދައުލަތަށް ނެގޭ ހާލަތެއް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ކުށް ސާބިތު ނުވެ މުދާ ނެގިދާނެ ހާލަތްތައް:

  • ކުށް ސާބިތު ނުވާ ހާލަތުގައި، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ކުށުގެ ދައުވާ އުފުލިއިރު ޕީޖީގެ ފަރާތުން އެދިފައިވުން
  • ދައުވާ ލިބޭ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށް ވުން
  • ދައުވާ ލިބޭ ފަރާތަށް ތުހުމަތު ކުރެވޭ ކުށުން ނުވަތަ އެ ކުށާ ގުޅިފައިވާ އަމަލަކުން، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ގާނޫނު ހުއްދަ ނުކުރާ މަންފާއެއް ލިބިފައިވާކަމުގައި، ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވުން
  • އެ ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ ފައިސާ ނުވަތަ މުދަލަކީ ގާނޫނު ހުއްދަކުރާގޮތުގެ މަތީން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާ ލިބޭ ފަރާތަށް ސާބިތުކޮށް ނުދެވުން

މި ގާނޫނުގައި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހުން މެރުމާއި، މާރާމާރީ ހިންގުމާއި ރަހީނުކުރުމާއި ބިރުދެއްކުމާއި ބޮޑު ޖިސްމާނީ އަނިޔާއެއް ދީފިނަމަ ދެވޭނެ އަދަބުތައްވެސް ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން، މީ ހަކު މަރާލައިފިނަމަ މަރުގެ އަދަބު ދިނުމަށާއި، މަރުގެ ދިޔަ ދައްކަންޖެހޭ ހާލަތުގައި ނަމަ، 25 އަހަރަށް ޖަލަށް ލުމުގެ އަދަބު ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން އެފަދަ ކުށްތަކަށް، އުމުރު ދުވަހަށް ޖަލަށް ލުމުން ފެށިގެން ޖަލު ހުކުމްތަކާއެކު، ހަތް މިލިޔަނާ ހަމައަށް ޖޫރިމަނާ ވަނީ ކަނޑައަޅައިފައެވެ.

ހަނގުރާމަވެރި ހަތިޔާރު އަދި އެނޫން ނުރައްކާތެރި ހަތިޔާރު އެތެރެކުރުމާއި އުފެއްދުމުގެ ކުށާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށާއި، ފްލިކް ނައިފް އަދި ބަޓަފްލައި ނައިފް އެތެރެކުރުމާއި އުފެއްދުމަކީ ކުށް ކަމަށް ކަނޑައަޅައި، ކުޑަކުދީންނަށް ވަޅި ވިއްކުން މި ގާނޫނުން ވަނީ މަނާކޮށްފައެވެ.

ކޯޓު އަމުރަކާ ނުލައި ފުލުހުންނަށް ބައެއް ބާރުތައް ދިނުމާއި، ދެމުން އައި ބައެއް ހައްގުތައް ހަނިކުރުން:

. 08 މެއި 2021، މާލެ، ފުލުހުން މީގެ ކުރިން ހިންގި ކައުންޓާ ޓެރަރިޒަމްގެ އޮޕަރޭޝަނެއްގެ ތެރެއިން---- ވަން ފޮޓޯ: އަހުމަދު އައިހަމް

ބައެއް ހާލަތްތަކުގައި، ފުލުހުންނަށް މިހާތަނަށް ނުލިބޭ، ބައެއް ބާރުތައް ފުލުހުންނަށް ދީ ތުހުމަތުވާ ފަރާތްތަކަށް ލިބިދެމުން އައި ބައެއް ހައްގުތައް މި ގާނޫނުން ވަނީ ހަނިކޮށްފައެވެ.

އެގޮތުން ބޮޑެތި ކުށްތަކަށް ތުހުމަތުވާ މީހަކަށް، ހައްޔަރުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ އެކު އެކަހެރިކޮށް ބައްދަލު ވެ މަޝްވަރާކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓިދާނެ ހާލަތްތަކާއި، އެފަދަ ފަރާތްތައް ކަފާލާތުގެ ދަށުން ދޫކުރުމުގެ ހައްގު ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން ބޮޑެތި ކުށެއްގެ ތުހުމަތުވާ މީހަކާ މެދު ވަގުތުން ފިޔަވަޅު ނާޅައިފި ނަަމަ، އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކޮށްފާނެ ކަމަށް ބަލަން ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެ ނަމަ، ކޯޓު އަމުރަކާ ނުލައި، އެމީހަކު ހައްޔަރުކުރުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ވަނީ ދީފައެވެ. އަދި ކޯޓު އަމުރެއް ނެތި ފުލުހުންނަށް މީހަކު ހައްޔަރުކުރަން އަމިއްލަ ތަނަކަށް ވަދެ، އޭނާ ހައްޔަރުކޮށް، އެތަނުގައި އެ މީހާ ބަލައި ފާސްކުރުމާއި، އެކަށީގެންވާ ވަގުތަކަށް އެތަނެއްގައި މަޑު ކުރުމުގެ ބާރުވެސް ވަނީ ދީފައެވެ.

24 އޭޕްރީލް 2025، ހުޅުމާލެ، ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މި ގާނޫނު ތަންފީޒު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ މާނައިގައި ހައްލު ގެންނަވަން ކަމަށެވެ. އެގޮތުން ރާއްޖޭގައި ގޭންގު ކުށްތައް ހައްލު ނުވެ އޮތީ އެކަމުގެ "ޕޮލިޓިކަލް ވިލް" ނެތިގެން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ގޭންގު ކުށްތައް ހައްލުކުރުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް އެ މަނިކުފާނު ނުބައްލަވާނެ ކަމަށާއި ބޭނުންފުޅު ވަނީ އަމާން ރާއްޖެއެއް ހޯއްދައިދެއްވަން ކަމަށްވެސް ވިދާޅުވިއެެވެ.