ރައީސް ޑރ. މުހައްމަދު މުއިއްޒު، 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމަށް ވަޑައިގެންނެވި އިރު، އިގުތިސޯދީ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ބައިނަލްއަގުވާމީ އެކި އިދާރާތަކުން ވެސް ވަނީ ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާގައި އޮއްވައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް ވަނީ އިގުތިސާދީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ.

ނަތީޖާއެއްގެ ގޮތުން މި ސަރުކާރުގެ ފުރަތަމަ އަހަރުގެ އަމާޒު ކަމަށްވާ ގައުމު ބަނގުރޫޓު ނުވެ ސަލާމަތްވިއެވެ. އަދި ސަރުކާރުގެ ދެވަނަ އަހަރު ވެގެންދިޔައީ އިގުތިސާދީ ގޮތުން ރަނގަޅު މިސްރާބަކަށް ދާން ފެށި އަހަރަކަށެވެ. ދަރަނިތައް ދައްކަމުން ގޮސް، އާމްދަނީ ވެސް އިތުރުވިއެވެ. ނިމިގެން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވެސް ވަނީ 2.2 މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ.

16 ނޮވެމްބަރު 2024، ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ޖުމުލަ އާމްދަނީ 36 ބިލިއަން ރުފިޔާ، ޓީޖީއެސްޓީ ރަނގަޅު

ފިނޭންސް މިނިސްޓްރީން މިމަހުގެ 11 ގައި ނެރުނު ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެކެވެ.

ޓެކްސް އާމްދަނީގެ ތެރެއިން، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީން 9.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމުލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން -- ވަން ފޮޓޯ: ހަމްދާން

ދައުލަތުގެ ޖުމުލަ ހަރަދުތައް ހުރީ 37.9 ބިލިއަން ރުފިޔާގައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 43.4 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 12.7 އިންސައްތައިގެ ދަށްވުމެކެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަރަދުތައް އެންމެ ބޮޑަށް އިތުރުވީ ސަބްސިޑީތަކުގެ ސަބަބުންނެވެ. ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 3.6 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 6.5 އިންސައްތައިގެ ދަށްވުމެކެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ޖުމުލަ 7.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެންމެ ގިނައިން ހަރަދުކޮށްފައިވާ ދެ ދާއިރާއަކީ ސިއްހަތާއި ދަތުރުފަތުރެވެ. އެގޮތުން، ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް 443.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 138.9 މިލިއަން ރުފިޔާއާ އަޅައިބަލާއިރު، 219 އިންސައްތައިގެ އިތުރުވުމެކެވެ.

12 ޖެނުއަރީ 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ސަލާމްކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ޕީއެސްއައިޕީގެ އެންމެ ބޮޑު ދާއިރާއަކަށް ދަތުރުފަތުރަށް ކުރާ ހަރަދު ހުރި އިރު، މިދިޔަ ހަފުތާގެ ނިޔަލަށް ޖުމުލަ 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޭގެ ތެރެއިން، އެއާޕޯޓާ ގުޅުންހުރި ޕީއެސްއައިޕީ ހަރަދު 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއީ މިދިޔަ އަހަރުގެ ތިން ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، 4.5 އިންސައްތައިގެ އިތުރުވުމެކެވެ.

ރިޕޯޓުގައިވާ ގޮތުން ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅައިބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެކެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ރޭޓޫ ހުރީ 5.3 ޕަސަންޓުގައެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓު ވަނީ 4.6 ޕަސަންޓަށް ދަށްވެފައެވެ. އިންފްލޭޝަން ރޭޓު ދަށްވި ސަބަބަކީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހިފައިވުމެވެ.

ތަކެތީގެ އަގު ދަށަށް

އެމްއެމްއޭއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރު ރިޕޯޓުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ރޭޓޫ ހުރީ 5.3 ޕަސަންޓުގައެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އިންފްލޭޝަން ރޭޓު ވަނީ 4.6 ޕަސަންޓަށް ދަށްވެފައެވެ.

އިންފްލޭޝަން ރޭޓު ދަށް ވި ސަބަބެއް ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހިފައިވުމެވެ.

ރިޕޯޓުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ރަނގަޅު އިގުތިސޯދީ ކުރިއެރުމެއް ދެވަނަ ކުއާޓަރުގައި ލިބިފައިވެއެވެ. ދެވަނަ ކުއާޓަރުގައި އިގުތިސޯދަށް ކުރިއެރުން ލިބުނީ ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރަތް ކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ ސަބަބުންނެވެ.

19 ފެބްރުއަރީ 2025: މާލެ، ދޮން އަނބު މޫސުން އައިސް މާލޭގެ ބާޒާރުމަތި ދޮންއަނބުން ތިޔާގިވެފައި --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ދެވަނަ ކުއާޓަރުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 475,708 އަށް އަރާފައިވާއިރު އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސަންޓުގެ އިތުރުވުމެކެވެ.

އަދި ދެވަނަ ކުއާޓަރުގައި ސަރުކާރުގެ މާލީ ހާލަތުވެސް ރަނގަޅުވެފައިވަކަން ފާހަގަކޮށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، އޭގެ ތެރޭގައި ހިލޭ އެހީ ނުހިމެނޭ ކަމަށެވެ. ޖުމުލަ ހަރަދު، ލޯނު އަނބުރާ ދެއްކުން ނުހިމަނާ ވަނީ 1.6 ބިލިއަން ރުފިޔާއަށް ދަށްވެފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.

ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 50 ޕަސަންޓު ގައި ހިފެހެއްޓިފައިވާ އިރު، ލޯނު ދޫކޮށްފައިވާ އަދަދު ކުރިއަރާ މިންވަރު ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައި ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރަސްމީ ރިޒާވް 832.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަމަށްވެސް ރިޕޯޓުގައި ބުންޏެވެ. މިއީ އިންޑިއާގެ ރިޒާވް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން އިތުރުވި އިތުރުވުމެއްކަމަށް ރިޕޯޓުގައި ބުންޏެވެ.

އެސްޑީއެފްއަށް ދެ ބިލިއަނަށްވުރެ ގިނަ ޑޮލަރު، ރިޒާވް މައްޗަށް

އެ ހުރިހާ ކަމަކަށް މަސައްކަތްކުރަމުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ އަދަދު މަތިކޮށް، ދައުލަތުގެ ރިޒާވް ވެސް ވަނީ މައްޗަށް ގޮސްފައެވެ. 2023 ވަނަ އަހަރު ނިމުނު އިރު، އެސްޑީއެފްގައި ހުރި ފައިސާގެ އަދަދު ބޮޑުތަނުން ދަށެވެ. އަދި ރިޒާވް ވެސް ވަނީ ދަށްވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރަށް ފުރުނު އިރު، އެ އަދަދު ވަނީ 126 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ ---- ވަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކަށް ބަލައިލާ އިރު، 2020 ވަނަ އަހަރު ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތަށް އެރި ނަމަވެސް، ރިޒާވް ދަށްވަމުން ގޮސް 2023 ވަނަ އަހަރު ނިންމާލީ 590 މިލިއަން ޑޮލަރުގައެވެ.

ދައުލަތުގެ ރިޒާވް އަލުން ރަނގަޅު އަދަދެއްގައި އިތުރުވާން ފެށީ 2024 ވަނަ އަހަރުއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 886 މިލިއަން ޑޮލަރުގައެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް

ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަން ފާހަގަކޮށް، ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ވަނީ އައުޓްލުކްއަށް ބަދަލު ގެނެސްފައެވެ.

މިދިޔަ ނޮވެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފައެވެ.

ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނޮވެމްބަރު މަހު ނެރުނު ބަޔާނުގައިވާ ގޮތުން ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.

އޭގެ އިތުރުން، 2024 އަހަރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، ސިޔާސަތުތަކާއެކު މިމަހުގެ ނުވައެއްގެ ނިޔަލަށް އެ އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި ކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ ބަޔާނުގައި ވަނީ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މިއަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައެވެ.

10 ނޮވެމްބަރު 2025، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި --- ފޮޓޯ: މަޖިލިސް އިދާރާ

މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ.

މި ފެށޭ އަހަރުން ފެށިގެން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމައިފައެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވައިފައެވެ.

ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީއޭއޭ2 ގެ ރޭޓިން ދަމަހައްޓާފައިވީ ނަމަވެސް، އަންނަ އަހަރު މެޗުއާ ވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ވަނީ ރާވައިފައެވެ.

ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިން ހޯދޭ މިންވަރު ދަށްވެފައިވާ ކަމަށް މީގެ ކުރިން ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރޭޓިން އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ގައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިން ހޯދާފައިވާކަމާއި ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިން ހޯދުމުގެ ގާބިލުކަން ދައްކައިދީފައިވާ ކަމަށް މޫޑީޒްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ގައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެއް ކަމަށް ފާހަގަކުރެއެވެ.

ބޭރު ފައިސާ ދައުރުކުރުން އިތުރު!

ސަރުކާރުން އެންމެ ބޮޑަށް މަސައްކަތްކުރި ކަމަކީ ބޭރު ފައިސާއާ ގުޅޭ މަސައްކަތެވެ. އެގޮތުން އެންމެ މުހިންމު އެއް ފިޔަވަޅަކީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމެވެ.

މިދިޔަ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން އަމަލުކުރަން ފެށި އެ ގާނޫނުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް 584 މިލިއަން ޑޮލަރު ވަނީ މާރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ގްރޮސް ރިޒާވް 866 މިލިއަން ޑޮލަރަށް އިތުރުވިއެވެ.

އިގުތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިން އެންމެ ބޮޑު މަޝްރޫއަކީ ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއެވެ. އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، 2025 ގެ ޖުލައި 26 ގައެވެ.

މޯލްޑިވިއަންގެ ފުލައިޓުތަކަށް ހިދުމަތްދޭން ފަށައި، ދެވަނަ ފިޔަވަހީގެ ދަށުން އިތުރު އެއާލައިންތައް ބަދަލުކުރުމުގެ މަސައްކަތްތައް ވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު އެ ޓާމިނަލުން 37 އެއާލައިނަކަށް ހިދުމަތްދެމުންދެއެވެ.

26 ޖުލައި 2025، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު --- ފޮޓޯ: އެމްއޭސީއެލް

ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާއެކު އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. ގިނަ އެއާލައިންތަކާއެކު، ވީއައިއޭ އާ ޓާމިނަލުގެ އިގުތިސާދީ ފައިދާ ބޮޑަށް ފެނިގެންދާނީ 2026 ވަނަ އަހަރުން ފެށިގެންނެވެ.

އިގުތިސާދަށް އައި ކުރިއެރުމާއެކު ބޭރު ފައިސާ ވަންނަ އަދަދުތައް އިތުރުވުމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ފުރާ މީހުންގެ ތެރެއިން ބޭސްފަރުވާއަށް ފުރާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް، ދޫކުރާ އަދަދު 1000 ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ.

އޭގެ އިތުރުން މިދިޔަ ނޮވެމްބަރު 11 އިން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ އަދަދު ވެސް ބީއެމްއެލުން ވަނީ އިތުރުކޮށްދީފައެވެ. ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންއަށާއި ސިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާ ހަމައަށް ލިމިޓް ވަނީ ކަނޑައަޅައިފައެވެ.