ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދާ ކައިރި ފަރުތަކަށް ގެއްލުންވަމުންދާ ކަމަށް ކުރީގެ ރައީސް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު މިފަހުން މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންގެ ފަރާތުން ކަންބޮޑުވުންތަކެއް ލިބުނު ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމަށެވެ.
"ކޮންޓްރޯލެއް ނެތި ވެލި އާއި ކިސަޑު ފެތުރުމުގެ ސަބަބުން ކައިރި ފަރުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއްވަމުން. ތަރައްގީގެ މަޝްރޫއުތަކަށް ބިން ހިއްކުމަކީ މުހިންމުކަމެއްކަން އަޅުގަނޑު ގަބޫލުކުރަން. ބިން ހިއްކާ ފަރާތްތަކުން ފަޅު ފުންކުރުމާއި ބިން ހިއްކުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލުކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އަދި އެންވަޔަރުމެންޓް އިމްޕެކްސް އެސްސެމްނެޓް ރިޕޯޓުގައި ހުންނަ ކަންކަމަށް ރިއާޔަތް ކުރަންވެސްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދަނީ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިންކަން ސަރުކާރުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކައި އެއްކޮށް ނިމިފައިވާ ކަމަށާއި އެއީ މުޅި މަޝްރޫއުގެ 30 ޕަސަންޓު ކަމަށެވެ.
އެމްއޭސީއެލުން ބުނެފައިވަނީ ރަސްމާލެ މިހާރު ހިއްކަމުން ދަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯންއިން ކަމަށެވެ. އެއީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށް ބުންޏެެވެ.
ރަަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ތިން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު