ދިވެހި މުޖުތަމައުގައި ޑްރަގްގެ ވަބާ ވަނީ އިންތިހާއަށް އަށަގެންފައެވެ. އެކަމާ ގުޅިގެން ޑްރަގުން މުޖުމައު ސަލާމަތް ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތްތަކެއް ކުރެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ބަދައުލަތާއެކު ނިޒާމުތައް ހަރުދަނާކޮށް، މަސްތުވާތަކެތީގެ މައްސަލަތަކަށް ހަރުކަށި އަދަބުތަކެއް ދޭން ވަނީ ކަނޑައަޅައިފައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނާއި އެ ވިޔަފާރިއަށް ހަރަދުކުރާ މީހުން ހުއްޓުވުމަށް ފިޔަވަޅު އަޅަން ތަންފީޒު ކުރާ ފަރާތްތަކަށް ހާއްސަ ބާރުތަކެއް ދިނުމުގެ އިތުރުން، އަލަށް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ދެނެގަނެ، އެއަށް ދެވިހިފުމުގެކުރީން އެއިން ރައްކާތެރި ވެވޭނެ ގޮތްތައް އެ ބަދަލުން ވަނީ ހޯދައިދީފައެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ އެއަށް ދެވިހިފުމުގެ ސަބަބުން ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އޭގެ ނުފޫޒަށް ލެނބި ޑްރަގަށް ބަރޯސާ ވާން ޖެހިފައިވާ ބަޔަކަށްވާތީ، އެއީ ހަމައެކަނި ކުށްވެރީންކަމަށް ބެލުމުގެ ބަދަލުގައި ފަރުވާ ވެސް ބޭނުންވާ ބައެއް ކަމަށް ގަބޫލުކޮށް ފަރުވާގެ ނިޒާމު ވެސް ވަނީ ހަރުދަނާކޮށްފައެވެ.

ޑްރަގް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު:

ޑްރަގު ޝިޕްމަންޓު ފެނުނު ބޯޓު---

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ގޮތުގައި، ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި އިސްލާހުން، މަސްތުވާތަކެތި ހުއްޓުވުމަށް އެންމެ ހަރުކަށި އަދަބު ކަނޑައަޅާފައިވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމުގެ ކުށަށެވެ. އެގޮތުން ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމަ، އެފަދަ ކުށްކުރާ މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައެވެ.

ގާނޫނަށް ގެނައި ބަދަލުގައި ކަނޑައަޅާފައިވަނީ ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،

ނަަމަވެސް މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާ އެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.

މިފަދަ ޑްރަގްގެ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާގޮތް މަތީމަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެ ކަމަަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތީން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެވެ.

އައްޑޫ ސިޓީގައި ގޭންގު މާރާމާރީތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މަގުމަތީގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ ---- ފޮޓޯ: ޕޮލިސް

މީގެ އިތުރުން ބޭހުގެ ގޮތުގައި ބޭނުންކުރާ މަސްތުވާއެއްޗެއް، ޕްރިސްކްރިޕްޝަނެއް ނެތި އަތުގައި ބެހެއްޓުން ނުވަތަ އެފަދަ އެއްޗެއް، ޕްރިސްކްރިޕްޝަންގައި ދީފައިވާ އަދަދަށްވުރެ އިތުރަށް އަތުގައި ބަހައްޓައިފި ނަމަ، ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު، އެއް މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މި ބަދަލު ގެނައުމުގެކުރީން ގާނޫނުގައި އޮންނަ ގޮތުން އުމުރަށް ޖަލަށް ލުމަކީ 25 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށް ލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫ ނުކުރެވޭ ގޮތަށް އަދި، މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.

އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް މި ގެނައި ބަދަލުން ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ޑްރަގް އެތެރެކުރާ މީހުންނަށް މާފެއް ނުދެވޭނެއެވެ. އަދި މިފަދަ މައްސަލަތަކުގައި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

ޑްރަގް ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން:

ގާނޫނަށް މި ބަދަލު ގެނައުމުގެ ކުރީން، އެގޮތަށް މުދަލާއި ފައިސާގެ ބަދަލު ނެގެން އޮންނަނީ، ހަމައެކަނި ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުން އެކަންޏެވެ.

ނަަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 161 ވަނަ މާއްދާއަށް ގެނައި ބަދަލާއެކު މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެއެވެ.

އެގޮތަށް ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ނެރެން ޖެހޭ މުދަލާއި ފައިސާ:

  • ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ފައިސާ ނުވަތަ ހޯދަން އުޅޭ ފައިސާ އާއި މުދާ
  • ކުށް ކުރުމަށް ބޭނުން ކުރި މުދަލެއް
  • ކުށް ކޮށްގެން ހޯދާފައިވާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލުން ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބޭ މުދާ
4 މާޗް 2023: ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 4 ކިލޯގެ ޑްރަގް --- ފޮޓޯ: ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައި އޮންނަ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާ ކުރަން ގާނޫނަށް ގެނައި މި ބަދަލުގައި ވަނީ ހިމަނައިފައެވެ.

އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އޭގެތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކީން މަސްތުވާތަކެތި އެ އަދަދަށް ހުރިކަމަށް ގާނޫނަށް ގެނައި ބަދަލުން ދެން ބެލޭނެއެވެ.

ގާނޫނަށް މިގެނައި ބަދަލާއެކު މަސްތުވާތަކެތީގެ އެކި ކުށް ކަނޑައަޅައި އުމުރު ދުވަހާ ހަމައަށް ޖަލަށް ލުމުގެ އިތުރުން ދިހަ މިލިޔަނާ ހަމައަށް ޖޫރިމަނާގެ އަދަބުތައް ވަނީ ހިމަނައިފައެވެ.

ނަމަވެސް ޑްރަގް މައްސަލައިގެ ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން މަސްތުވާތަކެތި އަލަށް ބޭނުންކުރާ ފަރާތްތައް މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުންނާއި އެމީހުންނަށް އިތުރު ފުރުސަތުދީ މުޖުތަމައަށް ރުޖޫއަ ވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، އެމީހަކު ދޫކޮށްލައި މައްސަލަ ނިންމުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ވަނީ ދީފައެވެ.

ގާނޫނަށް ގެނައި މި ބަދަލާއެކު ޑްރަގްގެ މައްސަލަތައް އަވަސް ކުރުމާއި، އެ ފަދަ މައްސަލަތަކާ ބެހޭގޮތުން ޑްރަގް ކޯޓު އިތުރަށް ޒިންމާ ކުރުމަށް އެ ކޯޓަށް އިތުރު ބާރުތައް ވަނީ ދީފައެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް، ތަހުގީގީ އިދާރާތަކާއި ތަންފީޒީ އިދާރާތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.

14 ނޮވެމްބަރު 2024: މާލެ، ކުއްލި ހާލަތްތަކުގައި ގުޅާނެ ނަމްބަރު، 911 ތައާރަފުކޮށް، ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރުގެ ހިދުމަތްދޭން ފެށުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ގާނޫނަށް ގެނައި މި ބަދަލާއެކު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިންޒާރެއް ޑްރަގްގެ ބޮޑުންނަށް ވަނީ ދެއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ރަހުމެއް ނުކުރައްވާނެ ކަމަށެވެ.

"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީއެއް އިސްތިސްނާއެއް ނޯންނާނެ. ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު" އިހުސާން ވިދާޅުވިއެވެ.

މި ގާނޫނަށް ގެނައި ބަދަލަށްފަހު، މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތީން ފުލުހުން ވަނީ "އޮޕަރޭޝަން އަލިމަގު" ފަށައިފައެވެ.

އެ އޮޕަރޭޝަންގައި މިހާތަނަށްވެސް ވަނީ އެތައް ބަޔަކު ހައްޔަރު ކޮށްފައެވެ.