އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ޓޮޓެންހަމް ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ލިވަޕޫލުން ރޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުން ހޯދި މޮޅާއެކު ލިވަޕޫލުން ވަނީ ފަސްވަނައަށް ޖެހިލައިފައެވެ. އެއީ 17 މެޗުން 29 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް ވަނީ ރޭގެ މެޗުން ބަލިވެ، އުނދަގޫ ހާލަތަކަށް ވެއްޓިފައެވެ. އެޓީމުން މިވަގުތު 13 ވަނައިގައި އޮތް އިރު، އެޓީމަށް 17 މެޗުން 22 ޕޮއިންޓް ލިބިފައިވެއެވެ.
ރޭގެ މެޗު ފެށިގެން 33 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޒަވީ ސިމޮންސްއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ. އެއީ ވާޖިލް ވެން ޑައިކަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ. އެ ފައުލަށް ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެއް ނަަމަވެސް، ނިންމުން ބަދަލުކުރީ ވީއޭއާރް ބެލުމަށްފަހުއެވެ.
އެ ރަތް ކާޑުގެ ބޭނުން ހިފައި، ލިވަޕޫލުން ދެވަނަ ހާފުގައި ލީޑު ނެގީ އެލެކްސެންޑާ އިސާކް ޖެހި ގޯލުންނެވެ. އެ ގޯލަށް މާގިނައިރެއް ނުވެ، ހަތަރު މިނެޓް ފަހުން އިސާކަށް އަނިޔާވެ ބާލަން ޖެހުނެެވެ.
ބެލެވޭ ގޮތުގައި އިސާކަށް ލިބުނީ ސީރިއަސް އަނިޔާއެކެވެ. އިސާކަށް އަނިޔާވީ ސްޕާސްގެ ޑިފެންޑަރު މިކީ ވެން ޑެ ވެން ފައިގައި ޖެހިގެންނެވެ.
މި ސީޒަނުގެ މިހާތަނަށް އައި އިރު، އިސާކަށް އެކި ކަހަލަ އަނިޔާތަކާ ކުރިމަތިވެފައިވެއެވެ. ލިވަޕޫލްގެ ރެކޯޑު 125 މިލިއަން ޕައުންޑަށް މި ސީޒަނަށް ގެންދިޔަ އިސާކަށް އިތުރު އަނިޔާއެއްވުން އެއީ މާޔޫސްކަމެއް ކަމަށް ކޯޗު އާނޭ ސްލޮޓް ވަނީ ރޭގެ މެޗަށްފަހު ބުނެފައެވެ.
ސްލޮޓް ބުނީ ދަނޑުން ފައިބައި ފަރުވާ ހޯދުމަށްފަހު އަލުން ނޭރުން އެއީ ސީރިއަސް އަނިޔާއެއްގެ މަންޒަރެއް ކަމަށެވެ.
ލިވަޕޫލްގެ ދެވަނަ ގޯލް، ހޫގޯ އެކިޓީކޭ ޖެހި އިރު، އޭގެ 20 ވަރަކަށް މިނެޓް ފަހުން ރިޗާލިސަން ވަނީ ގޯލެއް ޖަަހައިފައެވެ.
ނިމެން ދަނިކޮށް ކްރިސްޓިއަން ރޮމޭރޯއަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެ ރަތް ކާޑާއެކުވެސް ޓޮޓެންހަމްއިން އަލުން އަނބުރާ މެޗަށް ވަންނަން މަސައްކަތް ކުރި އިރު، ފަހުން އިތުރު ގޯލެއް ނުޖެހުނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު