އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައް ކާމިޔާބު ކުރި އިރު، ޗެލްސީން ފަހަތުން އަރައި ނިއުކާސަލްއާ އެއްވަރު ކޮށްފިއެވެ.
މެންޗެސްޓާ ސިޓީން ވެސްޓް ހަމް ކައިރިން 3-0 އިން މޮޅުވެ އާސެނަލަށް ޕްރެޝަރު ކޮށްލާފައިވާ އިރު، އޭގެފަހުން އާސެނަލުން ކުޅުނު މެޗުގައި އެވަޓަން ކައިރިން މޮޅުވީ 1-0 އިންނެވެ.
މިހަފުތާ ފެށުމަށް އިއްޔެ ހަވީރު ޗެލްސީން ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ.
ޗެލްސީން ހޯދި ޕޮއިންޓާއެކު އެޓީމު ހަތަރު ވަނައިގައި އޮތީ، 17 މެޗުން 29 ޕޮއިންޓާއެކުގައެވެ. ނިއުކާސަލް 11 ވަނައިގައި އޮތީ 17 މެޗުން 23 ޕޮއިންޓާއެކުގައެވެ. ސިޓީއާއި އާސެނަލުން އެއްވަނައަށް ވާދަކުރަމުންދާ އިރު، މިވަގުތު އާސެނަލް އެއްވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓާއެކުގައެވެ. ސިޓީ ދެވަނައިގައި އޮތީ 17 މެޗުން 37 ޕޮއިންޓާއެކުގައެވެ.
ޗެލްސީން ކުޅުނު މެޗުގައި އެޓީމަށް ކުރިމަތިވީ އުނދަގޫ ފެށުމެކެވެ. ފުރަތަމަ 20 މިނެޓް ތެރޭގައި އެޓީމު ކޮޅަށް ނިއުކާސަލްއިން ވަނީ ދެ ގޯލް ޖަހައިފައެވެ. އެ ދެ ގޯލްވެސް ޖެހީ ޖަރުމަނު ފޯވަޑް، ނިކް ވޮލްޓެމާޑޭއެވެ.
އެ ނަތީޖާ އަނބުރާލުމަށް ޗެލްސީން ވަނީ ދެވަނަ ހާފުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ރީސް ޖޭމްސްގެ ހިލޭ ޖެހުމަކުން ހިތްވަރު ހޯދި އިރު، އޭގެ އިރުކޮޅެއްފަހުން ޖުއާއޯ ޕެޑްރޯގެ ގޯލަކުން އެއްވަރުވެސް ކުރިއެވެ.
އެހެން ނަމަވެސް ތިން ޕޮއިންޓް ހޯދޭ ގޮތެއް ނުވިއެވެ.
ސިޓީން ރޭ ކުޅުނު މެޗުގައި އެޓީމުގެ ތަފާތު ފޯމާއެކު ކުރިއަށް ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައިވެސް ދެ ގޯލް ޖެހިއެވެ. އެއީ އާލިން ހާލަންޑްގެ އިތުރުން ޓިޖާނީ ރެއިންޑާސް ޖެހި ގޯލްތަކެވެ.
އޭގެފަހުން ދެވަނަ ހާފުގައި ހާލަންޑްގެ އިތުރު ގޯލެއް ޖަހާފައިވާ އިރު، ސިޓީން ވަނީ ލީގުގެ އުންމީދު ދަމަހައްޓައިފައެވެ.
ސިޓީ އެއްވަނައަށް ޖެހިލިތަކުން އާސެނަލުން އަލުން އެ މަގާމަށް ޖެހިލީ ރޭ އެވަޓަން ކައިރިން ހޯދި މޮޅުންނެވެ. އެ މެޗުގެ ހަމައެކަނި ގޯލް، ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީގައި ޖަހައިދިނީ ވިކްޓޯ ޔޯކެރޭޝްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު