ރާއްޖޭގައި ވޭޕް މަނާކުރިފަހުން މިހާތަނަށް 73،000 އަށްވުރެ ގިނަ ވޭޕް އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިޔާނާ ވިދާޅުވީ ކަސްޓަމުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރާ ތަކެތި ހުއްޓުވުން ކަމަށެވެ.

ދިޔާނާ ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިދިޔަ ދެ އަހަރުގެ ތެރޭގައި ވައިގެ މަގާއި ކަނޑުމަގުން އެތެރެކުރާ މުދަލަށް އަމާޒުކޮށްގެން 40،000 އޮޕަރޭޝަން ހިންގައި 37 އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 118 މައްސަލައެއްގައި 205 ކިލޯގެ މަސްތުވާތެކެތި އަތުލައިގަނެފައިވޭ. މިތަކެތީގެ މަގުމަތީ އަގު 277 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ. 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕް މަނާކުރި ފަހުން މިއަދާ ހަމައަށް 185 މައްސަލައެއްގައި 73،000 އަށްވުރެ ގިނަ ވޭޕް އަތުލައގަނެފައިވޭ." ދިޔާނާ ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 24 މިލިއަން ސިނގިރޭޓް ސްޓިކް ކަސްޓަމުން އަތުލައިގެންފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.