ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި 10 މީހުންނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ދައުވާކޮށްފިއެވެ.
ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިއެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.
ވިޔަފާވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމާއި ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އޭގެއިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެ ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މީގެއިތުރުން ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވެއެވެ. އެއީ ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން އެދިގެން ދެ ވިޔަފާރިވެރިން ކަމަށްވާ ދިގައްޔާއި އާއްޓެ އަދި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ދޫކޮށްލައިފައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެމީހުން ބަންދުން ދޫކޮށްލަން އެދުނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުން ކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ