ފުޓުބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި)، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ކުރީގެ ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ)ގެ ހަނދާނަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ ހާއްސަ އެވޯޑު އަރުވައިފިއެވެ.

ފުޓުބޯޅައިން ވަކިވެދިޔަ ތިން ޝަހުސިއްޔަތުގެ ހަނދާނަށް އެވޯޑު އަރުވާފައި ވަނީ މިހާރު ކުރިއަށްދާ އެފްއޭއެމް އެވޯޑްސް އިވެންޓްގައެވެ. މިއީ އަށް އަހަރު ފަހުން އެފްއޭއެމް އެވޯޑްސް ދެމުންދާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއްކޮށްދިން ކޯޗު ސާންތި ނިޔާވީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ގައެވެ. ސާންތި ނިޔާވި އިރު، އޭނާ ދިޔައީ ދެތިން އަހަރު ދުވަހު ކެންސަރު ބައްޔާ ހަނގުރާމަކުރަމުންނެވެ.

ސާންތިއަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ނުހަނު އަގުހުރި މަސައްކަތްތަކެއް ކުރި ކޯޗެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމުގައި ސާންތި އަބަދުވެސް ފާހަގަކޮށްލެވުނީ ތަފާތު ކޯޗެއްގެ ގޮތުގައެވެ.

ސާންތި ކޯޗު، 2001 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އިރު، 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް އޭނާ ފާހަގަކުރެވިފައިވެއެވެ.

އޭގެފަހުން ސާންތި ކޯޗު ވަނީ ކްލަބު އީގަލްސްގެ ކޯޗުކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޒުވާން ޓީމެއް ބިނާކޮށް، ގައުމީ ޓީމާ ހަމައަށް އެ ކްލަބުން ގިނަ ތަރިންތަކެއް ނެރެދީ، އެ ކްލަބަށް ކާމިޔާބީތައް ހޯދައިދީފައިވެއެވެ. އަދި އޭގެފަހުން ރާއްޖޭގެ ފުޓުބޯޅައިގެ ޓެކްނިކަލް ޑިރެކްޓަރުކަމާ ވެސް ހަވާލުވެ ސާންތި ވަނީ ފުޓުބޯޅައިގެ ކުރިއެރުމަށް ވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސާންތިއަކީ ކުޅިވަރަށް ހިދުމަތް ކުރުމުގައި ޒުވާނުންގެ ގައުމީ އިނާމުވެސް ހޯދާފައިވާ ހިދުމަތްތެރިއެކެވެ. އަދި ދާދިފަހުން އޭނާގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު ދެއްވާފައިވެއެވެ.

ރާއްޖޭގެ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް މިޑްފީލްޑަރު އާރިފް، ކުއްލި ގޮތަކަށް ނިވާނީ 2024 ވަނަ އަހަރުއެވެ. އުމުރުން 38 ގައި އާރިފް ވަކިވެގެން ދިޔުން ވެގެންދިޔައީ ރާއްޖޭގެ ފުޓުބޯޅައަށް ކުއްލި ސިހުމެއް ގެނައި ހަބަރަކަށެވެ.

އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިން ވިދާލި އާރިފްގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައިވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން ވީބީ އައްޑޫ އެފްސީން ނެރުނު ތަރިންގެ ޓީމުގައި އާރިފް ހިމެނުނު އިރު، އޭނާ ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފައެވެ.

އާރިފް ވަނީ 2015 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ކްލަބަކަށް ވެސް ކުޅެފައެވެ. މިޔަންމާ ލީގުގެ ކަންބައުޒާއަށް އާރިފް އެ އަހަރު ކުޅެފައިވާ އިރު، އޭނާއަކީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި ޖެހިގެން އައި 2011 ވަނަ އަހަރު އާރިފް ވަނީ ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.

ގައުމީ ޓީމަށް 58 މެޗު ކުޅެދީފައިވާ އާރިފް ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފައެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއިން ތަށި ހޯދި ޓީމުގައި ވެސް އާރިފް މުހިއްމު ރޯލެއް އަދާކުރި އިރު، އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެއެވެ.

އިފްރާ ނިޔާވީ ސްޓްރޯކެއް ޖެހިގެން، މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައެވެ. އެއީ އުމުރުން 36 އަހަރުގައެވެ.

އިފްރާގެ ފުޓުބޯޅަ ކެރިއަރު ފުރަތަމަ ފެށީ ކްލަބު ވެލެންސިއާ އިންނެވެ. އެއަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ބަދަލުވެ، އޭނާ ދެއްކި މޮޅު ކުޅުމާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރެއިން ފާހަގަކޮށްލެވިގެން ދިޔައެވެ.

ވެލެންސިއާ އާއި މާޒިޔާގެ އިތުރުން ވެސް އިފްރާގެ ކްލަބު ކެރިއަރުގައި އޭނާ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާ ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އެގޮތުން ގައުމީ ޓީމާއެކު އޭނާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.