ގއ. މާމެންދޫގައި 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އެ ރަށު އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުންކުރި ހުކުމް، އެ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން އަހުމަދު ޝަމީމާއި މުހައްމަދު މާޒިންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުގައެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރުމަށް އެ ދެ މީހުންގެ ފަރާތުން ވަނީ މިމަހުގެ 11 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅައިފައެވެ. ހައިކޯޓުން އަދި އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމާފައިނުވާއިރު އެ މައްސަލަ އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ.

އެ މައްސަލައިގައި ދެން ދައުވާ އުފުލި ގއ. މާމެންދޫ، ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފައެވެ. ނަމަވެސް ޝަރަފާއި މާޒިންގެ މައްޗަށް މާރާމާރީގެ ދައުވާ ވަނީ ސާބިތުވެފައެވެ.

އުދައްޔު މަރާލި ކަމުގެ ކުށުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށްވެސް އުފުލިއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި 25 އަހަރާއި ފަސް މަހަށް ބަންދުކުރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އުދައްޔުގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާތީ، ޝަމީމާއި މާޒިން މެެރުމަށް ގާޒީ އަލީ ނަދީމް ހުކުމް ކުރެއްވިއެވެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި މާޒިން ދިހަ އަހަރަށް ޖަލަށްލުމަށާއި މާރާމާރީ ހިންގުމުގެ ކުށް ސާބިތުވި ޝަރަފް ހަތް އަހަރަށް ޖަލަށްލާންވެސް ހުކުމްކުރެއްވިއެވެ.

ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދިނެވެ.