ހުޅުމާލޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވަނީ 91،860،829.15 ރުފިޔާއަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފިއެވެ.
އެޗްޑީސީގައި މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމެއްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ރޮޓައިމް އިންޖީނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯވޭ ޑޮންގެއެެވެ.
އެޗްޑީސީން އެ ދުވަހު ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން ރޮޓައިން އިންޖީނިއަރިންއިން ހުޅުމާލެ ފޭސް އެކެއް އަދި ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފުލެޓުތަކާ އިންވެގެން ހުންނަ މަގުތައް ހަދާނެ ކަމަށެވެ. އެއްބަސްވުމުގެ ދަށުން މަރާމާތު ކުރާނީ ހަމައެކަނި ތާރުގަނޑު ހަލާކުވެފައިވާ މަގުތައް ކަމަށް އެޗްޑީސީން ބުންޏެވެ.
އެގޮތުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުތައް ރޮޓައިމް އިންޖީނިއަރިންއިން ހަދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ރޮޓައިމް އިންޖީނިއަރިންއިން އެ މަސައްކަތް ކުރަން ފަށާނީ ފޭސް އެކަކުން ފެށިގެން ގޮސް ފޭސް ދޭކަށް ނިންމާ ގޮތަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ "މި މަޝްރޫއުގެ އަގަކީ 91،860،829.15 ދިވެހި ރުފިޔާއެވެ. ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަށެވެ.
އެގޮތުން 50 ޕަސަންޓު ފައިސާ އެއް އަހަރުގެ މުއްދަތަކަށް ބަަހާލައިގެން ދެއްކުމަށް ހަމަޖެހިފައިވާ އިރު، ބާކީ 50 ޕަސަންޓް ފައިސާ 2027 ވަނަ އަހަރުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އެއްބަސްވެވިފައި ކަމަށެވެ.
ރޮޓައިން އިންޖީނިއަރިންއިން ވަނީ މަސައްކަތަށް ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަކަށް މަސައްކަތަށް ފެށުމަށް ތައްޔާރުވެފައި ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މަސައްކަތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރޮޓައިމް އިންޖީނިއަރިންއިން ނިންމާނެ ކަމަށް އުންމީދު ކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
"މި މަޝްރޫއަކީ މީގެ ކުރިން 2 އޮކްޓޫބަރު 2022 ގައި ރޮޓައިމްއާ ހަވާލުކުރެވުނު 'ހުޅުމާލޭގައި ޓެމްޕަރަރީ ވޯކްސް އެކޮމޮޑޭޝަން' ތަރައްގީކުރުމުގެ މަސައްކަތުގެ ބަދަލުގައި އެކުލަވާލެވުނު އެއްބަސްވުމެކެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމާއި އެ ސަރަަހައްދުގައި ބައިނަލް އަގުވާމީ ކުޅިވަރު ސްޓޭޑިއަމްއެއް އެޅުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެދިވަޑައިގަތުމާ ގުޅިގެން، އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ނިމުމަކަށް ގެނައުމަށް އެޗްޑީސީ އާއި ކޮންޓްރެކްޓަރާ ދެމެދު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ. މި މަގު ހެދުމުގެ މަޝްރޫއު ހަވާލުކުރީ އެ ސެޓެލްމެންޓް އެގްރީމެންޓުގެ ދަށުންނެވެ،" އެޗްޑީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ