ހުޅުމާލޭގައި މީހުން ދިރިއުޅޭ އެއްމެދު އިމާރާތްތަކަކީ އަމާން އަދި ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމާލައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅާ އެއްގޮތަށް މިދިޔަ ސެޕްޓެންބަރު މަހުގެ ތިންވަނަ ދުވަހު ފެށި މި މަސައްކަތަކީ، އުސް އިމާރާތްތަކުން ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ފްލެޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސެޕްޓެންބަރު 30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލުމުން 1,011 ފަރާތަކުން ވަނީ އެކަމަށް އެދިފައި ކަމަށެވެ.

މިހާތަނަށް 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ވަނީ ރެއިލިން ހަރުކޮށްފައިވާ ކަމަށާއި، އަދި އެހީއަށް އެދިފައިވާ އެހެން އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި މިހާރު ދަނީ ބާރަށް ކުރިއަށްކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުރިހާ އިމާރާތްތަކާއި އާންމު ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އިތުރު މުހިންމު ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުން ގެންދާނެ ކަމަށެވެ.