ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)" އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހު އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައިވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަހުމަދު ނަޖީބު ކަމަށެވެ. އެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ދެ ބޭފުޅުންނާ އެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާއާއި ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައްޔާއި ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި މި އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

"މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި މަސައްކަތުގެ މާހައުލާއި މުޅި ހުޅުމާލެއަކީވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން." އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވިއެވެ.

އެޗްޑީސީން ވަނީ އެޗްޑީސީގެ ހިދުމަތްތަކާމެދު އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައި އެކަން ހިއްސާކުރެވޭނެ ކަމަށެވެ.