ސިޓީތަކުގެ ދާއިރާތައް ކަނޑައަޅާއިރު އާންމުންގެ ހިޔާލު ދެން ހޯދަންޖެހޭނެ ގޮތަށް އުސޫލެއް ހަދައި ގެޒެޓުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ އާންމުކުރި އެ އުސޫލަށް ކިޔަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ ދާއިރާތަކާއި ގޮނޑިތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"އެވެ.

އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަން:

އުސޫލުގައިވާ ގޮތުން ވަކި ރަށަކަށް ނުވަތަ އިދާރީ ވަކި ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނ،ީ އިދާރީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެކުލަވައިލައިފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައިވާ ނަމަ، އެ ސިޓީއެއްގެ ކޮންމެ ރަށަކަށް އިންތިހާބީ ދާއިރާއެއް ކަނޑައަޅަންޖެހޭނެއެވެ.

އެއް ސިޓީއެއްގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ އާބާދީ، ވީ އެންމެބޮޑަކަށް ހަމަހަމަކުރެވޭނޭ ގޮތެއްގެ މަތީން އިންތިހާބީ ދާއިރާތައް ކަނޑައަޅަންވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ސިޓީއެއްގައި އާބާދީއަށް ބަލައިގެން ދާއިރާ ކަނޑައެޅުމުގައި އެ ސިޓީއެއްގެ ވަކި ރަށަކަށް ގިނަ ދާއިރާތަކެއް އިތުރުކުރުމަށް ވުރެ އާބާދީއަށް ބެލުމަށްފަހު އެހެން ރަށްތަކަށް ދާއިރާތައް ކަނޑައަޅަންވާނެކަމަށް އުސޫލުގައިވެއެވެ.

ސިޓީއެއްގައި ހިމެނޭ ރަށް/އަވަށްތަކުގެ ތެރެއިން ކައިރީގައިވާ ރަށް/އަވަށްތަކުގެ އާބާދީއެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާގޮތަށް ކަނޑައެޅުމަށްވެސް އުސޫލުގައި ހިމަނައިފައިވެއެވެ. އާބާދީގެ އަދަދަށް އައިސްފައިވާ ބަދަލަށް ބެލުމަށްފަހު ވީވަރަކުން، ކުރިން ކަނޑައެޅިފައިވާ އިންތިހާބީ ދާއިރާތަކަށް ބަދަލު ގެނެސްގެން އިންތިހާބީ ދާއިރާތައް ކަނޑައަޅަންވާނެއެވެ. އަދި އާބާދީގެ އަދަދަށް ބެލުމަށްފަހު، ވީވަރަކުން، އެއްރަށެއްގެ އާބާދީއެއް އިންތިހާބީ ދާއިރާއަކަށް ނިސްބަތްވާ ގޮތަށް ކަނޑައަޅަންޖެހޭމެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެ ސިޓީއެއްގެ މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނުގެއްލޭނޭހެން އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ރަށެއްގައ/ިއަވަށެއްގައި އެއް އިންތިހާބީ ދާއިރާއަށް ވުރެ ގިނަ އިންތިހާބީ ދާއިރާ ކަނޑައަޅާކަމުގައިވާ ނަމަ، ޖެހިޖެހިގެން ހުންނަ ސަރަހައްދުތައް އެއް އިންތިހާބީ ދާއިރާގެ ގޮތުގައި ކަނޑައެޅުމާއި، އެ ރަށެއް/އަވަށެއް އިދާރީ ގޮތުން ނުވަތަ އިޖުތިމާއީ ގޮތުން ބައިވެފައިވާގޮތަށް ރިއާޔަތްކޮށްގެން އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އުސޫލުގެ ދަށުން ކޮންމެ ސިޓީއެއްގައި އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުގައި އެ ސިޓީއެއްގައި ހިމެނޭ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ގާއިމުކުރަންޖެހެއެވެ.

އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެއްގެ ކުރީން، އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި އިންތައް ކަނޑައަޅައި ވަކިކޮށް، އެ ކަންކަމަށް ބަދަލުގެނެސް، މުރާޖައާ ކުރަމުން ގެންދިއުމާއި މިކަންކަމަށް ގެނެވޭ ބަދަލުތައް، އާންމުކޮށް އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި އިންތިހާބީ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައެޅުމުގެ ކަންތައްތައް ހިންގައި ބަލަހައްޓާނީ އީސީންނެވެ.

ސިޓީއެއްގެ ދަފުތަރުގައި ޖައްސައިފައިވާ މީހުން، އިންތިހާބީ ދާއިރާތަކަށް ބަހާނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނީ އީސީންކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގެ ދަށުންކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ހިނގަމުންދާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އުމުރު "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހަމަވުމުގެ ސަބަބުން ބާއްވާ އިންތިހާބު ބޭއްވުމުގެ ކުރިން ސިޓީތަކުގެ އާބާދީއަށް ބަދަލުތަކެއް އައި ނަމަވެސް ރަށަކަށް/ސިޓީއަކަށް ކަނޑައަޅައިފައިވާ މެންބަރުންގެ އަދަދަށް ބަދަލެއް ނާންނާނެކަމަށް އުސޫލުގައި ބުންޏެވެ.