ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނަށް މިއަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމިއްލައަށް ޕާޓީއިން ވަކިވެވެން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް ސަލާހު ރަޝީދު ވިދާޅުވެއްޖެއެވެ.
ޕާޓީތަކުގެ އާންމު މެންބަރުންނަށް ވަގުތުން ޕާޓީއިން ވަކިވެވޭ އުސޫލެއް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ފަހުން އީސީން އާންމުކުރާނެއެވެ. ޕާޓީތަކުގެ އާންމު މެންބަރުން ޕާޓީއިން ވަކިވުމަށް އެދި ހުށަހަޅަން ވާނީ އީސީގެ ޕޯޓަލްގެ ތެރެއިންނެވެ.
ސަލާހު "ވަން" އަށް މިއަދު ވިދާޅުވީ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން އެގޮތަށް އަމަލުކުރަން ފެށި ނަމަވެސް އުސޫލު އާންމު ކުރަން ހަމަޖެހިފައިވަނީ އެ ދުވަހަށްފަހު ކަމަށެވެ.
އުސޫލުގެ ދަށުން "އެ މީހަކު ވަކިވާން އެދެފިއްޔާ ޕާޓީއިން އިސް މަގާމްތަށް ހަވާލުވެފަ ތިބި ފަރާތްތައް ފިޔަވާ އެންމެވެސް ވަކިވެވޭނެ" ސަލާހު ވިދާޅުވިއެވެ.
ވަގުތުން ޕާޓީނުވެވޭ ބައެއް ފަރާތްތަކުގެ މިސާލު ދައްކަވަމުން ސަލާހު ވިދާޅުވީ ޕާޓީގެ ހަޒާންދާރު، ޕާޓީގެ ރަޖިސްޓްރާ، ޕާޓީގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން ފަދަ އީސީގެ ރިކޯޑުގައި ހިމަނަންޖެހޭ ފަރާތްތައް ކަމަށެވެ.
އެ މަގާމުތަކުގައި އަދި އެފަދަ އެހެން މަގާމުތަކުގައި ތިބޭ މީހުން ވަގުތުން ޕާޓީން ވަކިކޮށް ނުދެނީ ޑިޔު ޕްރޮސެސް ފުރިހަމަ ކުރަން ޖެހޭތީ ކަމަށް ސަލާހު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން