ލިވަޕޫލްގެ ދަށް ފޯމުގެ ތެރެއިން ކްލަބާ ގުޅުން ގޯސްވެއްޖެ ކަމަށާއި، މިހާރު އޮތް ހާލަތުން ކުރިއަށް ދާން ނުވިސްނޭ ކަމަށް މުހައްމަދު ސަލާހް ބުނެފިއެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުންވެސް އެޓީމު މޮޅުވެފައެއް ނުވެއެވެ. ރޭ ކުޅުނު މެޗުގައި ލީޑްސް ކައިރިން 2-2 އިން އެއްވަރުވެފައިވާ އިރު، ރޭގެ މެޗުގައިވެސް ސަލާހަށް އިންނަން ޖެހުނީ އެއްކޮށް ބެންޗުގައެވެ.

ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ވަނީ އެންމެފަހުން ލިވަޕޫލް ކުޅުނު ތިން މެޗުގައިވެސް ސަލާހް ބެންޗު ކޮށްފައެވެ. ސަލާހްގެ އެ ރުޅިގަނޑު ފަޅައިގެން ދިޔައީ ރޭގެ މެޗަށްފަހުއެވެ.

"އަހަރެން ކުރިން ވަރަށް ގިނަ ފަހަރަށް ބުނިން ކޯޗާ ގުޅުން ރަނގަޅޭ. އެހެން ގޮސް ގޮސްފައި، ކުއްލިއަކަށް މި ގުޅުން ގޯސްވީ. އަހަންނަށް ދެން މިހާރު ވާންވީ ގޮތެއްވެސް ނޭނގެ. މިހާރު އަހަންނަށް ސިފަވަނީ ކޮންމެވެސް މީހަރު އަހަރެން ބޭރުކުރަން ބޭނުންވާ ކަމަށް،" ސަލާހް ބުންޏެވެ.

ސަލާހް ބުނީ ލިވަޕޫލުން އޭނާއަށް އިހުތިރާމް ކުޑަކޮށް، ހުރިހާ ގޯހަކީ އޭނާ ކަމަށް ހަދައިފި ކަމަށެވެ. އެހެން ކަންތައްވި ނަމަވެސް ކްލަބަށް އޮތް ލޯބި ބަދަލުނުވާ ކަމަށާއި، އެފްކޯންއަށް ދިޔުމުގެ ކުރިން ކަންކަން ގޯސްވުން އެއީ މާޔޫސްކަމެއް ކަމަށްވެސް ސަލާހް ފާހަގަކުރިއެވެ.

ސަލާހް ބުނީ އޭނާ ލިވަޕޫލްގެ 11 އަށް އެރީ ނަމަކުން ނޫން ކަމަށާއި، އެއީ މިދިޔަ ސީޒަނުގައާއި އޭގެ ކުރިން ކުރި މަސައްކަތުން ހޯދި މަގާމެއް ކަމަށެވެ.

ސަލާހް މިހާތަނަށް ލިވަޕޫލަށް 420 މެޗު ކުޅެ، 250 ގޯލް ޖަހައިދީފައިވާ އިރު، އޭނާ މިމަހުގެ 15 ވަނަ ދުވަހު އެފްކޯންއަށް ދާނެއެވެ.