ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ ސިނާއަތުގެ ވިޔަފާރިތައް ކުރެވޭ ގޮތަށް، ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ޓޫރިޒަމްގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުށްޔައް ދެވެނީ ތިން ގޮތަކަށް ކަމަށެވެ.

އެއީ:

  • ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާނު ކޮށްގެން، ކަނޑައަޅާފައިވާ އުސޫލެއްގެ މަތީން އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުށްޔަށް ދިނުން
  • ހިންގުމަށް ބޭނުންވާ މަޝްރޫއެއްގެ ތަފްސީލާ އެކު، އެތަނަކަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމުން އެ ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުށްޔަށް ދިނުން
  • ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލު ކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރުން

ނަަމަވެސް ގާނޫނަށް އިސްލާހު ގެންނަން މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރި ބިލުގައި ވަނީ އެ މާއްދާއަށް އަކުރެއް އިތުރު ކޮށްފައެވެ.

އެގޮތުން ކަނޑައެޅޭ ވަކި ޝަރުތުތަކާއެކު ދައުލަތުގެ ކުންފުންޏަކަށް ރިސޯޓެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނެ ކަަމަށް ކަނޑައަޅައި އެ ޝަތުރުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެކަމަށް އެސްއޯއީއަކަށް ތަނެއް ދޫކުރަން ވާނީ ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކަމަށާއި އެތަން ދޫކުރާނީ ދައުލަތުގެ ކޮން ކުންފުންޏަކަށްތޯ ނިންމަން ޖެހޭނީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެން ކަަމަށްވެސް ވަނީ ހިމަނައިފައެވެ. އެގޮތަށް ދައުލަތުގެ ކުންފުންޏަށް އެތަން ދޫކުރެވޭނީ، ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް، އެހެން އެއްވެސް ފަރާތަކަށް ބަދަލުކޮށް ނުވަތަ ކުއްޔަށްދީ ނުވަތަ ސަބްލީސްކޮށްގެން ނުވާނެއެވެ.

ބިލުގައިވާ ގޮތުން، ދޫކުރާ ތަނަށް ދައްކަން ޖެހޭ އެކުއިޒިޝަން ފީ އެ ކުންފުނިން ސަރުކާރަށް ދައްކަންވާނެއެވެ. އޭގެ އިތުރުން، ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ ހާލަތްތަކުގައި މިނިސްޓްރީން ކަނޑައަޅާ ފައިސާ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޔޮޓް ބަނދަރު ހިންގުމަށް ރަށްރަށާއި ފަޅު އަދި ބިން ދައުލަތުގެ ކުންފުނިތަކަށް ދެވޭ ގޮތަށް ވެސް މި އިސްލާހުގައިވެއެވެ. އަދި ދައުލަތުގެ ކުންފުނި ކަމަށް މާނަ ކުރަނީ އެ ކުންފުންޏެއްގައި މަދުވެގެން ސަރުކާރުގެ 45 ހިއްްސާ އޮންނަ ކުންފުނިތައް ކަމަށްވެސް ބިލުގައިވެއެވެ.

ރާއްޖޭގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓް ތަރައްގީކޮށް ހިންގުމަށް ރަށްރަށާއި ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރާނެ ގޮތްތައްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ޓްރެއިނިން ރިސޯޓެއް ތަރައްގީ ކުރާނެ އަދަދާއި ސަރަހައްދުތައް ކަނޑައަޅާނީ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި އެ ދާއިރާގައި ހިދުމަތް ކުރާ މީހުން ބިނާކުރުމަށް ގައުމީ ފެންވަރުގައި ކަނޑައެޅޭ ލަނޑުދަނޑިތަކަށް ރިއާޔަތްކުރުމަށްފަހު ގަވާއިދުތަކާ އެއްގޮތަށް ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފައެވެ. އެފަދަ ރިސޯޓެއްގައި ހުންނަން ޖެހޭ ޝަރުތުތަކާއި ހިންގަން ޖެހޭ ޕްރޮގްރާމްތައް ސާފުކޮށް އެނގޭނެހެން ގަވާއިދު ހެދުމަށްވެސް ވަނީ ހިމަނައިފައެވެ.

ބިލްގައިވާގޮތުން ޓޫރިޒަމް ޓްރެއިނިން ރިސޯޓްގައި، ޓޫރިޒަމް ދާއިރާގައި ހިދުމަތްކުރާ ފަރާތްތައް ތަމްރީންކުރާ މަރުކަޒެއްގެ ހިދުމަތް ފޯރުކޮށްދިނުމާއެކު، އެ މަރުކަޒުގައި ތަމްރީނުވާ ފަރާތްތަކަށް އަމަލީ ތަޖުރިބާ ހޯދޭނެ ގޮތުގެމަތިން އެތަނަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހާއްސަ ކުރެވިފައި ހުންނަންވާނެ ކަަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޓޫރިޒަމާ ގުޅުން ހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ހިދުމަތް ދިނުމުގެ އަސާސީ އުސޫލުތައް ވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ހިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ހިދުމަތުގެ ބާވަތަށާއި ހިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް 1،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.