ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަކުން މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނިފައިވަނީ ނޭޕާލަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ސީޓީ ސްކޭން ހެދި އިރު ގޮހޮރުން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން މިހާތާނަށް ބެލިބެލުމުން އެ މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާ އެކު މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަަމަށެވެ.
އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަކަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭނާއާ އެކު ރާއްޖެއައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ނިޔާވި މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވެއެވެ. އަދި މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާ އިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވެއެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން ތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައި ނުވަނީ އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.
އަދި އެތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުން ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާ އިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމު ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައިގެ މައުލޫމާތު ހާމަކޮށްފައި ނުވަނީ މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
އެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް