މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އިހުސާސް މިއަދު ދިވެހި ހުރިހާ ރައްޔިތުންނަށް ކުރެވޭނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މައާފު ނުދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެ ބިލުގައި ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ހިމަނައިފައެވެ. އަދި އެނޫންވެސް ބޮޑެތި އަދަބުތައް އެ ބިލުގައި ވަނީ ހިމަނައިފައެވެ.
އިހުސާން، ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ޑްރަގްސްގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް މިއަދު މުޅި ދައުލަތް ތެދުވެ އެއް ރޫހެއްގައި މަސައްކަތް ފަށައިފިކަން ރައްޔިތުންނަށް އިހުސާސްވާނެ ދުވަހެއް. ފުލުހުންނާއި ވަކީލުންނާއި ފަނޑިޔާރުންގެވެސް ހިމެނޭހެން އެންމެން ޖަވާބު ދާރީވާން ޖެހޭ އަދި ކުރުވާނެކަން މިއަދު އިހުސާސްވޭ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވައިގެން ފާސްކުރި މި ބިލުގައި، ޑްރަގް މައްސަލަަތައް ހައްލު ކުރުމަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފައެވެ.
އެގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބުން ފެށިގެން އެކި އަދަބުތައް ކަނޑައަޅާފައިވާއިރު އެއިން އެއްވެސް އަދަބަކަށް މާފެއް ނުދެވޭނެއެވެ.
ބިލުގައިވާގޮތުން އެފަދަ މައްސަލަ ތަކުގައި ހުކުމްކުރާ އިރު، ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި މަރުގެ އަދަބު ކަނޑައެޅޭނެއެވެ. ބިލުގައިވާ ގޮތުން ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،
ނަަމަވެސް ބިލުގައިވާގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމައެވެ.
ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެއެވެ.
ބިލުގައި ބުނަނީ، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށް ލުމަކީ 25 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށް ލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫ ނުކުރެވޭ ގޮތަށް އަދި، މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.
މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އެ އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ވެއެވެ.
މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެސް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މުހައްމަދު އިޝާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން