ލ. މާވަށަށް ނިސްބަތްވާ ޝަމާއިލް ހުސެއިނަށް ލ. އަތޮޅު ކައުންސިލްގެ ލާމަސީލު ލާމު ވޮލީ މުބާރާތް ކުޅެވޭނެ ކަމަށް ނިންމާ، އެކަމުގެ ހުއްދައެއް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ދީފިއެވެ.

ޝަމާއިލް ގައުމީ ސްކޮޑުން ވަކިކުރަން އިއްޔެ ނިންމާފައި ވަނީ ނީ އޮންނަ އުސޫލުގެ ބޭރުން، ލ. އަތޮޅު ކައުންސިލްގެ ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް ކުޅެމުންދާތީ ކަމަށް ވީއޭއެމްއިން ނެރުނު މެމޯއެއްގައި ބުނެފައިވެއެވެ.

ޝަމާއިލް އެ މުބާރާތުގައި ކުޅެމުން ދަނީ އޭނާގެ އުފަން ރަށް، ލ. މާވަށު އަކިރިކޮޅު ސްޕޯޓްސް ކްލަބަށެވެ. މިހާތަނަށް އޭނާ މުބާރާތުގައި ދެމެޗެއް ކުޅެފައިވެއެވެ.

ޝަމާއިލް ގައުމީ ޓީމުން ވަކިކޮށް، އޭނާއަށް އެހެން މުބާރާތެއްގައި ނުކުޅެވޭނެ ކަހަލަ ގޮތަކަށް ވީއޭއެމްއިން ފިޔަވަޅު އަޅާފައިވާ އިރު، ވީއޭއެމްއިން އިއްޔެ ބުނީ ޝަމާއިލް ކުޅޭ ނަމަ، ލާމަސީލު ލާމު މުބާރާތުގައި ވީއޭއެމްގެ ރެފްރީން ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުމާއެކު އިއްޔެ ލ. އަތޮޅު ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ އިދާރާއިން ހިންގާ މުބާރާތުގައި ޝަމާއިލްއަށް ނުކުޅެވޭނެ އެއްވެސް ސަބަބެއް ނެތުމުން އޭނާއަށް މެޗު ކުޅެން ހުރަހެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ޝަމާއިލް މެޗުގައި ކުޅޭނަމަ، ވީއޭއެމްގެ ރެފްރީން ލިބުމުގައި ދަތިތަކެއް ހުރުމުން މެޗުތައް ދެން ފަށާނެ ތާރީހެއް އަލުން އަންގާނެ ކަމަށެވެ.

ޝަމާއިލްއަށް އެޅި ފިޔަވަޅު މާބޮޑަށް ހަރުކަށިވުމުން އެކަމާ ދެކޮޅަށް ވޮލީ އާއިލާގެ އެތައް ބަޔަކު ވީއޭއެމްއާ ދެކޮޅަށް އަޑު އުފުލަމުންދާ އިރު، ނިންމުން ބަދަލުކުރުމަށްވެސް ވަނީ ގޮވާލައިފައެވެ. އެ ޕްރެޝަރުގައި ވީއޭއެމް އޮއްވާ، މިއަދު ވީއޭއެމްއިން ނިންމީ ޝަރުތުތަކާއެކު ޝަމާއިލަށް މުބާރާތް ކުޅެން ހުއްދަ ދިނުމަށެވެ.

ވީއޭއެމްއިން ވަނީ ޝަމާއިލް މައާފަށް އެދި ފޮނުވާފައިވާ ސިޓީ މީޑިއާއަށް ހިއްސާ ކޮށްފައެވެ. ސިޓީގައި ޝަމާއިލް ބުނެފައި ވަނީ ގައުމީ ޓީމުން ހުއްދަ ހޯދަން އޮންނަ އުސޫލުން ކަންތައް ނުކުރެވި އޮތުމުން އެކަމަށް މައާފަށް އެދޭ ކަމަށާއި، އެކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށެވެ.

އެފަދަ ކަމެއް ތަކުރާރުނުވާނެ ކަމަށް ޝަމާއިލް ބުނެފައިވާ އިރު، އޭނާ އިތުރަށް ބުނީ ފިޔަވަޅުތައް ލުއިކޮށް ދިނުމަށެވެ.

އެ ސިޓީއަށް ޖަވާބު ދެމުން ވީއޭއެމްއިން ބުނީ ޝަމާއިލްގެ ރިލީސްއަށް މާވަށު ކައުންސިލުން އެދިފައިވުމުގެ އިތުރުން، ފިޔަވަޅުތަކާއެކު ލ. އަތޮޅުގެ ލާމަސީލު ލާމު މުބާރާތް ފަސްކުރަން ޖެހިފައި އޮތުމުން ޝަރުތުތަކާއެކު އެ މުބާރާތް ކުޅުމަށް ޝަމާއިލަށް ހުއްދަ ދޭ ކަމަށެވެ.

ޝަމާއިލަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ލާމު އަތޮޅު މުބާރާތް ނިމޭތާ ހަތް ދުވަސް ތެރޭގައި އެސޯސިއޭޝަނުން ރިޕޯޓް ކުރުންވެސް ހިމެނެއެވެ. އަދި ވީއޭއެމްގެ ލީގަލް ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ޝަމާއިލްގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭންވެސް ވީއޭއެމްއިން އެދިފައިވެއެވެ.