ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ޓޫރިޒަމް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެއް ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދީފި އެވެ.

ތޫފާން "ދިތުވާ" އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެ، ގިނަ ބަޔަކު މަރުވުމާއެކު އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ޓެލެތޯންގެ ފަންޑަށް ޓޫޒަމް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރު އެ ޓެލެތޯނަށް މިހާތަނަށް ވަނީ 5.7 މިލިޔަން ރުފިޔާއާއި 41،641 ޑޮލަރު އަށްވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށެވެ.

މި ޓެލެތޯން ފެށީ އިއްޔެ ހެނދުނު 9:00 ގައެވެ. އާދީއްތަދުވަހުގެ ރޭ މެންދަމު 1:00ޖެހުމާ ހަމައަށް ޓެލެތޯން ކުރިއަށްގެންދަން ކުރިން ނިންމިނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަކަށް އެފުރުސަތު ދިނުމަށް މިއަދުގެ މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ޓެލެތޯން ކުރިއަށް ގެންދަން މިހާރު ވަނީ ނިންމައިފައެވެ.

ޕީއެސްއެމުން ބުނީ އެ ޓެލެތޯނަށް ފައިސާ ހޯދުމަށް އެހީވުމަށް، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ ކަމަށެވެ. އެކަމަށް ފަސޭހަ ކުރުމަށް ކިއުއާރު ކޯޑް ސްކޭން ކޮށްގެން ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން ބީއެލްއެލް އެކައުންޓަކާއި ޑޮލަރު އެކައުންޓެއްވެސް ވަނީ ހުޅުވައިފައެވެ. އެ ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ އެކައުންޓެއް ހަދާފައިވާ އިރު، އެކަން ކުރިއަށްގެންދަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް، ކްރޯ މޯލްޑިވްސްއިން ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.

މިހާރުވެސް ގިނަ އަދަދަދެއްގެ ދިވެހި އާއިލާތައް ދިރިއުޅޭ ރާއްޖޭގެ އަވަށްޓެރި ލަންކާއަކީ ދިވެހިން އާންމުކޮށް ދަތުރުކުރާ އެއް ގައުމެވެ. އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށާއި ޗުއްޓީ ހޭދަކުރުމާއި އަދި ރަސްމީ ދަދުރުތަކުގައި ވެސް ލަންކާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ މަންޒިލެކެވެ.

ޓެލެތޯނަށް އެހީވުމަށް:

ބީއެމްއެލް ޓްރާސްފާ ނަމްބަރު (ރުފިޔާ) 7730000796107

ބީއެމްއެލް ޓްރާސްފާ ނަމްބަރު (ޑޮލަރު) 7730000796106