އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ، ގޯސް ހާލަތެއްގައި އޮވެގެންނެވެ. އެއީ މިދިޔަ 70 އަހަރު ތެރޭވެސް އެ ކްލަބުން ސޮއްސާލި އެންމެ ދަށް ލެވެލްއެވެ. އެ ހާލަތު ކޮންމެހެންވެސް ބަދަލުކުރަން ޖެހިފައި އޮތް ލިވަޕޫލުން މިރޭ ވެސްޓް ހޭމް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ކުޅުނު މެޗަށް ލިވަޕޫލުން ނުކުތީ މުހައްމަދު ސަލާހް ފުރަތަމަ 11 ގައި ނުހިމަނައެވެ. އޭނާގެ ބަދަލުގައި ކޯޑީ ގަކްޕޯ ފުރަތަމަ 11 އަށް ނެރެފައިވާ އިރު، މި ސީޒަނަށް ރެކޯޑު އަގެއްގައި އެކްލަބާ ގުޅުނު އެލެކްސެންޑާ އިސާކްވެސް މިރޭގެ މެޗު ފަށާފައިވެއެވެ.

މެޗުގައި އިސާކް ގޯލް ޖަހާފައިވާ އިރު، އެ ގޯލަކީ އޭނާ ކްލަބަށް ލީގުގައި ޖަހައިދިން ފުރަތަމަ ގޯލެވެ. އިސާކް ދެވަނަ ހާފުގައި ގޯލް ޖެހި އިރު، ފުރަތަމަ ހާފުގައި އޭނާއަށް ލިބުނު ރަނގަޅު ދެ ފުރުސަތެއް ބޭނުން ނުކުރެވި ދިޔައެވެ.

ލިވަޕޫލުން މޮޅަކަށް ކުރި މަސައްކަތް ފަސޭހަވީ މެޗުގެ ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ވެސްޓް ހޭމްގެ ލޫކަސް ޕަކެޓާއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އޭނާއަށް ފުލުފުލުގައި ދެ ރީނދޫ ކާޑު ދައްކައި، ރަތް ކާޑު ދެއްކީ ރެފްރީއަށް ޝަކުވާކޮށް، ނިންމުމަށް ދެކޮޅު ހެދުމުންނެވެ.

ލިވަޕޫލުން މޮޅު ޔަގީންކުރި ގޯލް ޖެހީ ގަކްޕޯއެވެ.

ޔުނައިޓެޑުން މިރޭ ފަހަތުން އަރައި ކްރިސްޓަލް ޕެލެސް ބަލިކުރި އިރު، އެ ބައްޔަކީ މިދިޔަ ނުވަ މަހުގެ ތެރޭގައިވެސް ޕެލެސް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ.

ޕެލެސް ދަނޑުގައި 2-1 އިން ޔުނައިޓެޑް މޮޅުވި އިރު، އެޓީމު ކޮޅަށް ޕެލެސްއިން ފުރަތަމަ ގޯލް ޖެހީ ޕެނަލްޓީއެއްގައެވެ. ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޖީން-ފިލިޕް މަޓެޓާ އެ ގޯލް ޖަހައިދިން އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑުން ފުލުފުލުގައި ދެ ގޯލް ޖެހިއެވެ.

އެ ގޯލްތައް ޖެހީ ޖޯޝުއާ ޒިރްކްޒީއާއި މޭސަން މައުންޓެވެ. އެ ދެގޯލަށްވެސް އެސިސްޓް ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.

މިރޭގެ މޮޅާއެކު ލިވަޕޫލުން އަށްވަނައިގައި އޮތީ 13 މެޗުން 21 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑް ހަތްވަނައިގައި އޮތީވެސް އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.

ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު ޔުނައިޓެޑާއި ލިވަޕޫލްގެ އޮތް ފަރަގަީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.