ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރިހަމަ ރެކޯޑަކާއެކު ފުރަތަމަ ބުރު ނިންމާލައިފިއެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ނިއު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ ހަަތަރު ސީޒަނުގައިވެސް ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާއިން މިއަދު ހޯދި މޮޅާއެކު، ލީގުގެ ފުރަތަމަ ބުރު ނިންމާލީ ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

އެޓީމަށް ނުވަ މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް އޮޑިއަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާ އިރު، ނިއު ފުރަތަމަ ބުރު ނިންމާލީ ތިންވަނައިގައެވެ. އެއީ ނުވަ މެޗުން ލިބުނު 17 ޕޮއިންޓާއެކުގައެވެ. ލީގުގެ ފުރަތަމަ ބުރުގައި ނިއުއަށް މައްސަލަ ދިމާވީ ފަހު މެޗުތަކުގައެވެ.

ނިއުއިން އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފައިވާ އިރު، އެޓީމު ބަލިވީ އީގަލްސްއާއި އޮޑި އަދި މާޒިޔާ އަތުންނެވެ.

ކުރީކޮޅުގައި ނިއުއިން ރަނގަޅު ހަމަލާތަކަކަށް މަސައްކަތް ކުރި އިރު، ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަލީ ފާސިރު (ސެންޓޭ) ގެ ހަމަލާތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ނިއުއިން ކުރި ނުރައްކާތަކާއެކު އެޓީމުން ފުރަތަމަ ކޮޅުގައި ލީޑު ނެގީ ގޯމޭސް ޑަ ސިލްވާގެ ގޯލުންނެވެ.

އެ ގޯލަށްފަހު މާޒިޔާއިން ނުރައްކާ ކުރި އިރު، ސާޖިއޯ މެންޑީއާއި ނާއިޒު ހަސަން (ދާދު)އަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔައެވެ. މާޒިޔާއިން ކުރަމުންދިޔަ ނުރައްކަލުގެ ނަތީޖާއެއްގެ ގޮތުން ހާފުގެ ފަހު މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ އަހުމަދު އައިހަމް (ފަތޯ) އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގެ އިތުރުން ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، އެޓީމު މޮޅުކޮށްދިން ގޯލް ޖެހީވެސް އޭނާއެވެ. އެއީ 66 ވަނަ މިނެޓުގައެވެ.

ލީގުގައި މިރޭވެސް މެޗެއް އޮންނާނެއެވެ. އެމެޗުގައި އީގަލްސް ނުކުންނާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.