ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ސީދާ ރަތްކާޑާއެކު، ތިން މެޗަށް ސަސްޕެންޑްވެފައި އޮތް އޮތުން، އެއް މެޗަށް ކުޑަ ކުރުމުން ފީފާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

އުމުރުން 40 އަހަރުގެ ރޮނާލްޑޯއަށް ސީދާ ރަތް ކާޑެއް ދެއްކީ، އެ މެޗުގެ ތެރެއިން އަޔަލޭންޑް ޑިފެންޑަރު ޑަރާ އޯޝެއާ ގައިގައި އުޅަނބޮށިން ޖެހުމުންނެވެ. އެ މެޗުން ޕޯޗުގަލް 2-0 އިން ބަލިވި އިރު، އޭގެފަހުން އަރްމީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ.

އަރްމީނިއާ މެޗުން މޮޅުވެ، ޕޯޗުގަލްއިން ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ޔަގީންކުރި އިރު، ރޮނާލްޑޯ ތައްޔާރު ވަނީ ގައުމީ ޓީމާއެކު ރެކޯޑު ހަވަނަ ވޯލްޑް ކަޕަކަށެވެ.

އާއްމުކޮށް ކުޅުންތެރިއަކަށް ހަމަލާ ދީގެން ދައްކާ ރަތް ކާޑުތަކުގައި ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާ ނަމަވެސް، ރޮނާލްޑޯއަށް ލުއި ދޭން ފީފާއިން ނިންމީ ބައެއް ކަންކަމަށް ބަލައިފައެވެ.

ހަބަރުތައް ބުނީ ރޮނާލްޑޯއަށް ލުއި ގޮތެއް ހޯދަން ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާއިން އިސްތިއުނާފެއް ހުށަހެޅި ކަމަށެވެ. އެ އިސްތިއުނާފުގައި ވާ ބައެއް ކަންތައްތަކަށް ބަލައި، ފީފާއިން ގޮތް ނިންމާފައިވާ އިރު، ސަސްޕެންޝަން އެއްކޮށް މައާފު ކޮށްފައެއް ނުވެއެވެ.

ފީފާއިން ނިންމާފައި ވަނީ އަހަރެއް ތެރޭގައި އެފަދަ ކަމެއް ތަކުރާރުވެއްޖެ ހާލަތެއްގައި ވަގުތުން އިތުރު ދެމެޗުގެ ސަސްޕެންޝަނެއް ރޮނާލްޑޯ ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އެއީ އެ ހާލަތު ތަކުރާރުވެއްޖެ ނަމަ އެކަންޏެވެ.

އެ ނިންމުމަށް މީޑިއާތަކުގައި ފާޑުކިޔުން އަމާޒުވެފައިވާ އިރު، ބައެއް ގައުމުތަކުން އެކުވެގެން އެކަމާ ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް މައްސަލަ ހުށަހަޅާނެ ކަމަށް މީޑީއާތައް ބުނެއެވެ.

ނޫސްތަކުން ބުނީ ފީފާ ރައީސް ޖިއާނީ އިންފަންޓީނޯއަކީ ސުޕަ ސްޓާރުންނަށް ތަފާތުކޮށް އަމަލުކުރާ ފަރާތެއް ކަމަށާއި، އިންޓަ މިއާމީއަށް ކްލަބު ވޯލްޑް ކަޕުން ފުރުސަތު ދިނުމަކީވެސް އެކަހަލަ ގޮތަކަށް ހިނގި ކަމެއް ކަމަށެވެ.