ނައިޖީރިއާގެ ލާގޯސްގައި ނޮވެންބަރު 11 ގައި ބޭއްވި 16 ވަނަ "ވުމަން އިން މެނޭޖްމަންޓް" (ވިމް) ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން ގްލޯބަލް އެވޯޑު ހަފުލާގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވެރިޔެއް ކަމަށްވާ އާމިނަތު ހުސައިން ޒާދީ އާއި ކުރީގެ އެޓާނީ ޖެނެރަލް އާއިޝަތު އާޒީމާ ޝަކޫރަށް ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑުތަކެއް ލިބިވަޑައިގެންފިއެވެ.
މި ހަފުލާ އިންތިޒާމުކޮށްފައިވަނީ ވިމް ގްލޯބަލް އާއި ވިމް އެފްރިކާ ގުޅިގެން، ވިކްޓޯރިއާ އައިލެންޑްގައި ހުންނަ ފެޑެރަލް ޕެލެސް ހޮޓަލުގައެވެ.
މި ހަފުލާގައި ޒާދީއަށް ލިބިވަޑައިގަތީ "ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން - ލީޑާ ފޯ އިނޮވޭޝަން، ވެލް-ބީންގް އެންޑް އެންޓްރަޕްރިނިއާޝިޕް" އެވޯޑެވެ. އާޒީމާ ޝަކޫރަށް ލިބިވަޑައިގަތީ "ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން ފޯ ޕަޔަނިއަރިން ވުމަންސް ލީޑާޝިޕް އިން ލޯ އެންޑް ގަވަނަންސް" އެވޯޑެވެ.
ޒާދީއަކީ ބްރެންނިއާ ކޮއްޓޭފަރުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ އިތުރުން، ސިންގަޕޫރުގައި "ކޯ-ލިވިން" ވިޔަފާރިއެއް ހިންގާ "ރޫފް"ގެ ބާނީއެވެ. "ދި އައިލެންޑް ޗީފް" އަށް ދެއްވި އިންޓަވިއުއެއްގައި ޒާދީ ވިދާޅުވީ، ދަތުރުފަތުރު ކުރުމުގައި އެކަނިވެރިކަން އިހުސާސް ކުރަން ޖެހުނު އަމިއްލަ ތަޖުރިބާގެ ސަބަބުން، އެކުގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން އުފެދޭނެ ފަދަ އާންމު ޖާގަތަކެއް އުފެއްދުމަށް ހިތްވަރު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ރޫފްއަށް ލިބޭ އާމްދަނީގެ ބައެއް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް، ހާއްސަކޮށް ރައްކާތެރި ބޯހިޔާވަހިކަން ބޭނުންވާ އަންހެނުންނަށް އެހީތެރިވުމަށް ހޭދަކުރައްވާ ކަމަށެވެ.
އާޒީމާ ޝަކޫރަކީ ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އޭނާއަކީ ރާއްޖޭގެ މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރެކެވެ. މީގެ އިތުރުން "ހޯޕް ފޯ ވުމަން" ޖަމިއްޔާ އުފެއްދުމުގައި ބައިވެރިވެވަޑައިގެން، ގެވެށި އަނިޔާއާއި ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ. 2026 ވަނަ އަހަރުގެ އޯގަސްޓު މަހު އާޒިމާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް ފޯ ނެޝަނަލް ޓެރިޓަރީ އެންޑް ސޮވްރިންޓީގެ މަގާމަށް އައްޔަންކުރައްވާފައެވެ.
ލާގޯސްގައި ބޭއްވި މި ހަފުލާ ކުރިއަށްދިޔައީ އެފްރިކާގެ ބާޒާރުތަކާއި ބައިނަލްއަގުވާމީ ވިޔަފާރި ބައްޓަންކުރުމުގައި އަންހެނުންގެ ދައުރަށް އަލިއަޅުވާލައި ބޭއްވި "ޓޮޕް 50 ގްލޯބަލް އިކޮނޮމިކް ފޯރަމް" އަށްފަހުގައެވެ.
2011 ވަނަ އަހަރު މި އެވޯޑު ތައާރަފުކުރި ފަހުން 29 ގައުމަކުން 1،250 އަށްވުރެ ގިނަ މީހުންގެ އަގުވަޒަންކޮށްފައިވާ ކަމަށް ވިމް އިން ބުނެއެވެ. އެ ޖަމިއްޔާގެ ގޮފިތަކާއި ނެޓްވޯކްތައް ސްރީލަންކާ، ދިވެހިރާއްޖެ، ކެނެޑާ، އިނގިރޭސިވިލާތް، މެލޭޝިއާ، އެފްރިކާ އަދި ޔޫއޭއީގައި ގާއިމުކޮށްފައިވެއެވެ.
ނައިޖީރިއާގައި ބޭއްވި މި ހަފުލާގައި ރާއްޖޭގެ ފަރާތުން ވިމް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒު ރަޝާދު (މިންނު) ބައިވެރިވަޑައިގެންނެވިއެވެ.
ކޮމެންޓް