އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއިލަކީ ޕާޓީ އުފެދުނީއްސުރެ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި ފައްޔާޒަށް އިތުރު ކާމިޔާބީތައް ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފައްޔާޒުވަނީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ފައްޔާޒް އިސްތިއުފާ ދެއްވިއްތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނަޝީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފައްޔާޒަކީ ޕާޓީގެ މަސައްކަތުގެ ތެރެއިން ޖަލަށް ލައިފައިވާ ބޭފުޅެއް ކަމަށެވެ.
"އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ފައްޔާޒް އިސްމާއިލް އެ ވަނީ ނުހަނު ގިނަ ހިދުމަތްކޮށްދެއްވާފަ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގެން، ޖަލަށް ވަަޑައިގަންނަވަން ޖެހުނު ވަގުތު ޖެހިލުންވުމެއްނެތި ޖަލަށްވެސް ވަޑައިގެންނެވި. ޕާޓީއާއެކު ފައްޔާޒް އިސްމާއީލަށް އިތުރު ކާމިޔާބީއަށް އެދެން" ނަޝީދު ވިދާޅުވެފައިވެއެވެ.
ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން ގައުމީ މަޖިލީހުގައި އިއުލާންކުރައްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ މައިގަނޑުގޮތެއްގައި އޭނާގެ ޗެއާޕާސަންކަމުގައި މަސައްކަތްކުރެއްވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކާ ގުޅިގެން އުފެދުނު ބައިބައިވުން ނުވަތަ "ސްޕްލިޓް" އެއްކުރުމަށް ކަމަށެވެ.
"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ. އަޅުގަނޑުމެންނަށް ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވެފައިވެއެވެ.
ފައްޔާޒް ވިދާޅުވެފައިވަނީ ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެން ޖެހޭނެ ބައެއް ކަމަށާއި އެ އިހުސާސްތަކުގެ މައްޗަށް އަރައި، ގައުމާއި ރައްޔިތުންނަށް ފައިދާ ވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް ކަމަށެވެ. މައްސަލަތައް ހައްލުކުރެވޭނެ ލީޑަރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ވާހަކަ ތިބޭފުޅުންނަށް މި ދަންނަވަނީ އަޅުގަނޑު ދެކޭގޮތުގައި އެ މަސައްކަތް ކޮންމެހެންވެސް އެބަ ކުރަން ޖެހޭ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެ އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ނޫނީ އާންމު މެންބަރުންގެ އެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަން ޖެހޭ ބަޔަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިބޭފުޅުން. ގައުމީ މަޖިލީހުގެ މެންބަރުން، އަޅުގަނޑުމެންގެ ލީޑާޝިޕުން. މިކަންކަން މިހެން ކުރުމާ އެއްކޮށް އަޅުގަނޑު މި ގަސްދުކުރަނީ މިވަގުތުން ފެށިގެން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދިނުމަށް،" އޭނާ ވިދާޅުވެފައިވެއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވުމުން، ޕާޓީގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. އަދި މަގާމުގައި ހުންނަވައި ކުރައްވާ ކޮންމެ ކަމަކީ އޭގައި އޭނާއަށް ފައިދާތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި އެކަމަށް ޝައުވެރިވާ އެހެން ބޭފުޅުންނަށް ފެނި، ޕާޓީގެ އެކިއެކި ކަންތައްތައް ހިޔަނި އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފާހަގަވާ ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު