ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ގޮތަށް، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށްގެން ނިޒާމީ ވޯޓަކަށް ދިއުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި، ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން ފައްޔާޒް ވަނީ، ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކާ ގުޅިގެން އުފެދުނު ބައިބައިވުން ނައްތާލުމަށް ކުރެއްވި މަސައްކަތުގެ ޓައިމްލައިނެއް ދެއްވައިފައެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އޭނާ އާއި އޭރުގެ ސަރުކާރަށް ނިސްބަތްވާ ފަސް ބޭފުޅަކު މަޖިލީހަށް ފަސް ރެއެއްގެ މަތިން މަޖިލިސްގެ އިމާރާތަށް ގޮސް، މައްސަލަތައް ހައްލުކުރެވޭނެ ގޮތެއް ހޯދަން މަޝްވަރާކުރެވުނު ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ނަޝީދު ޕްރައިމަރީގައި ބައިވެރިވެވަޑައި ނުގަންނަވައި، އަދި ރިޔާސީ އިންތިހާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމުގެ ހުށަހެޅުމެއް ހުށަހެޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ނިޒާމީ ވޯޓު ނެގޭ އިރު، އެމްޑީޕީގެ ފަރާތުން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، އެއަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް އެ ހުށަހެޅުމުގައި އޮތް ކަމަށާއި އެކަމަށް އޭރު އެއްބަސް ނުވެވިގެން އެ ވާހަކަދެއްކުން އެ ހިސާބުން ހުއްޓުމަކަށް އައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"އޭގެ ދުވަސްކޮޅެއް ފަހުން ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން އަޅުގަނޑު ރައީސް ނަޝީދާ ބައްދަލުކުރިން ހުށަހެޅުމަކާ އެއްކޮށް. އެ ހުށަހެޅުއްވުމަކީ ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކޮށް ކުރިއަށްދިއުމަށް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ސޯލިހު އެގޮތަށް ބޭނުންފުޅުވި ނަމަވެސް، ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް އެމްޑީޕީން ނުކުމެ، އޭރު ކަންކަން އޮތްގޮތުން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ވޯޓަކުން ކާމިޔާބު ވާނެ ކަމަށް ގަބޫލު ނުކުރެވުނު ކަމަށެވެ. ނިޒާމީ ވޯޓުގައި ކާމިޔާބު ނުލިބި، އޭގެ ތިން މަހެއްހައި ދުވަސް ފަހުން ރިޔާސީ އިންތިހާބަކަށް ކުރިމަތިލާން ޖެހޭނީ ބޮޑު ފެއިލިއާއަކާ އެއްކޮށް ކަމަށް އޭރު ގަބޫލުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު އެ ހުށަހެޅުން ގަބޫލުކުރުމަށް ގޮސްފައިވެސް، އަޅުގަނޑު ހުށަހެޅީ ކުރީން ވެސް އަޅުގަނޑުމެން ބުނި ގޮތަށް. އެއީ ރައީސް ނަޝީދު ޕްރައިމަރީގައި ބައިވެރިވެވަޑައި ނުގަންނަވައި، ނިޒާމީ ވޯޓެއް ބޭއްވުމަށް. އެހެންނަމަވެސް އެމްޑީޕީން ވަކި އަތެއް ނުނަގައި ދޫކޮށްލުމަށް. އަޅުގަނޑުމެންގެ ތެރެއިން ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން ރިޔާސީ ނިޒާމަށް ތާއީދު ކުރުމަށް، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް. އެގޮތަށް އެއްބަސްވެގެން އަޅުގަނޑުމެން އައީ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ވަކި ނިޒާމަކަށް ދިއުމަށް އެމްޑީޕީން ތާއީދު ނުކޮށް، ނިޒާމީ ވޯޓެއް ނެގުމަށް އެއްބަސް ވެވުނު ނަމަވެސް، އޭގެ ހަފުތާއެއްހައި ދުވަސްފަހުން އެމްޑީޕީގެ ބައެއް އިސްބޭފުޅުންގެ މަޝްވަރާގެ މަތީން އެ އެއްބަސްވުމާއެކު ކުރިއަށް ނުދާން ނިންމުނު ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކޮށްގެން ކުރިއަށްދާން ނިންމި ނިންމުމުގެ ނަތީޖާއަކަށް ވީ، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން