އެމްޑީޕީއަށް ކުރިއަށްއޮތް އިންތިހާބުތައް ކާމިޔާބުކުރެވޭނީ "ސްޕްލިޓް" ނައްތާލައިގެން ކަމަށާއި ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ކާމިޔާބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި، ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން ފައްޔާޒް ވިދާޅުވީ މައިގަނޑުގޮތެއްގައި އޭނާގެ ޗެއާޕާސަންކަމުގައި މަސައްކަތްކުރެއްވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކާ ގުޅިގެން އުފެދުނު ބައިބައިވުން ނުވަތަ "ސްޕްލިޓް" އެއްކުރުމަށް ކަމަށެވެ.
"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަޅުގަނޑުމެންނަށް ކުރިއަށްއޮތް އިންތިހާބުތައް ކާމިޔާބުކުރެވޭނީ. އަޅުގަނޑުމެންނަށް ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެން ޖެހޭނެ ބައެއް ކަމަށާއި އެ އިހުސާސްތަކުގެ މައްޗަށް އަރައި، ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް ކަމަށެވެ. މައްސަލަތައް ހައްލުކުރެވޭނެ ލީޑަރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ވާހަކަ ތިބޭފުޅުންނަށް މި ދަންނަވަނީ އަޅުގަނޑު ދެކޭގޮތުގައި އެ މަސައްކަތް ކޮންމެހެންވެސް އެބަ ކުރަން ޖެހޭ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެ އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ނޫނީ އާންމު މެންބަރުންގެ އެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަންޖެހޭ ބަޔަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިބޭފުޅުން. ގައުމީ މަޖިލީހުގެ މެންބަރުން، އަޅުގަނޑުމެންގެ ލީޑާޝިޕުން. މިކަންކަން މިހެން ކުރުމާ އެއްކޮށް އަޅުގަނޑު މި ގަސްދުކުރަނީ މިވަގުތުން ފެށިގެން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދިނުމަށް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވުމުން، ޕާޓީގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. އަދި މަގާމުގައި ހުންނަވައި ކުރައްވާ ކޮންމެ ކަމަކީ އޭގައި އޭނާއަށް ފައިދާތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި އެކަމަށް ޝައުވެރިވާ އެހެން ބޭފުޅުންނަށް ފެނި، ޕާޓީގެ އެކިއެކި ކަންތައްތައް ހިޔަނި އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފާހަގަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން