ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ދޭން ޖެހޭ އިނާމު ފައިސާއަށް ވާ 75000 ޑޮލަރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފިވެ.

މާލޭގައި 2021 ވަނަ އަހަރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އިންޑިއާއާއި ރަނަރަަޕަށް ދިޔަ ނޭޕާލަށް ދޭން ޖެހޭ 75000 ޑޮލަރު (1.15 މިލިއަން ރުފިޔާ) ސާފަށް ދައްކާފައިވާ އިރު، އެ ފައިސާ ސާފަށް ނުދީގެން އެ މައްސަލަ ވަނީ ބަލައިފައެވެ.

ޗެމްޕިއަންކަން ހޯދި އިންޑިއާއަށް 50،000 ޑޮލަރު ދޭން އެފަހަރު ކަނޑައަޅާފައިވާ އިރު، ރަނަރަޕަށް ދިޔަ ނޭޕާލަށް ދޭން އެފަހަރު ކަނޑައަޅާފައި ވަނީ 25،000 ޑޮލަރެވެ.

ރާއްޖޭގައި ބޭއްވި ސާފް މުބާރާތުގެ އިނާމު ފައިސާ ސާފަށް ނުދޭތީ، މިދިޔަ އަހަރު ބޭއްވި ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއްގެ އިތުރުން، ކޮންގްރެސްގައިވެސް ވަނީ ރާއްޖެއަށް ފިޔަވަޅު އަޅަން މަޝްވަރާ ކޮށްފައެވެ.

ތަކުރާރުކޮށް، މި ފައިސާ ދައްކަން އެފްއޭއެމަށް ސާފުން ދިން މުހުލަތުތަކުގައިވެސް އެކަން ކޮށްފައިނުވާތީ، ސާފްގެ މެމްބަރުން އައީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ފައިސާތައް އަދާނުކުރާ މައްސަލައިގައި އެފްއޭއެމް އިން އެކަށީގެންވާ ޖަވާބުތަކެއް ވެސް ނުލިބޭތީ، ސާފުން މިމައްސަލަ އޭއެފްސީއަށްވެސް ހުށަހެޅިއެވެ. އަދި، ރާއްޖެއާ މެދު ފިޔަވަޅުތަކެއް އަޅަން ވެސް ސާފްގެ ލީޑަޝިޕުން މަޝްވަރާކުރިއެވެ.