މިއަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް މަރުގެ ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހުމަދު އާޝިދު، އަހުމަދު ފާރިޝް އަދި މުހައްމަދު ވިޝާމްއެވެ. އެ ތިން މީހުންނަކީވެސް މާޅޮސްއަށް ނިސްބަތްވާ ތިން މީހުންނެވެ. ފުލުހުން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ 21 ވަނަ ދުވަހު ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އޭގެ ތެރެއިން ދެ މީހަކު މާޅޮހުން ހައްޔަރުކުރިއިރު ދެން ހުރި މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އެ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަން ފުލުހުން ހިންގާފައިވަނީ އެއްވަގުތެއްގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މިއަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހުމާން ކޮޓަރީގައި ނިދާފަ އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އާޝިދު، ފާރިޝް އަދި ވިސާމްގެ މައްޗަށް ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެ ކަމަށެވެ.

މި އެންމެންނަކީވެސް އަބްދުރަހުމާން މަރާލި އިރު، ރަށުގައި ތިބި މީހުން ކަމަށްވެސް އެނގިފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ އާޝިދުގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ވިސާމްއާއި ފާރިޝްގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިކަމުގެ ކުށުގެ ދައުވާ ކަމަށެވެ.

"ވަން" އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ފާރިސް ވަނީ އަބްދުއްރަހުމާން މަރާލި ރޭގައި އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅައިފައެވެ. އެ ދަރިފުޅު އެ ވަގުތު ހުރީ މާލޭގައެވެ. ފާރިސް ގުޅި ނަމަވެސް އެ ފޯނަށް ޖަވާބު ދެވިފައެއް ނުވެއެވެ. ފަހުން ދަރިފުޅު ގުޅުމުން، އެފަހަރު ގުޅީ އަބްދުއްރަހުމާން ދިރިއުޅޭގެ ކައިރިއަށް މީހުން އެއްވެގެން އުޅޭތީ ކަމަށް ފާރިސް ބުނި ކަމަށެވެ.

ނަމަވެސް ފާރިސް ފުރަތަމަ ގުޅިއިރު، އަބްދުއްރަހުމާން މަރުވެގެން އުޅޭކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށްވެއެވެ.

"ވަން" ގެ ޓީމުން ރަށު ކައުންސިލް އަދި އެހެން ބައެއް ފަރާތްތަކާ ވާހަދައްކައިގެން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދީފައިވަނީ މެންދަމު އެކެއްގެ ފަހުންނެވެ. އަބްދުއްރަހުމާން ރޯ އަޑަށް ހޭލެވިގެން އޭނާގެ އަންހެނުން ދިޔައިރު އަބްދުއްރަހުމާން އޮތީ ލެއިން ތަތްތެޅިފައެވެ. ހޭނެތިފައި ފާޑަކަށް އޮތްނަމަވެސް، އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.

ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އަބްދުއްރަހުމާން، މާޅޮހު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ، ފަރުވާދެމުން އަންނަނިކޮށް އޭނާ މަރުވިއެވެ. އެހެންކަމުން ފާރިސް، އަބްދުއްރަހުމާންގެ ދަރިފުޅަށް ގުޅައިފައިވަނީ މެންދަމު 1:00 ޖެހިތާ އެހާ ގިނައިރު ނުވަނީސް ކަމަށް ބެލެވެއެވެ.

އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ ޓީމުގެ ސަމާލުކަމަށްވެސް އެ ފޯން ކޯލު ވަނީ އައިސްފައެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ ފާރިސްއާ ސުވާލުކޮށްފައިކަން އެނގިފައިވެއެވެ.

އެފަހުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، އަންނައުނާއި އެހެނިހެން ބައެއް ތަކެތި ގެންގޮސްފައެވެ. އެކަން މީގެ ކުރިން ފުލުހުންވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރިއަށްގެންދިޔަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނަކެވެ.

ފުލުހުން އެ ތިން މީހުން ދިރިއުޅޭގެ ބަލައި ފާސްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ނުވަވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ބައެއް މީހުންނާ ސުވާލުކޮށް، ބަލައި ފާސްކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބައެއް މީހުންގެ ފިންގާޕްރިންޓް ނަގައިފައިވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ބަލައިފާސްކުރި ތަންތަނާއި، ހިފެހެއްޓި އިލެކްޓްރޯނިކް ސާމާނާ ހައްޔަރު ކުރި މީހުންނާ ގުޅުން ހުއްޓެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުނެފައިވެއެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޮރެންސިލް އެނަލިސިސް ހަދައިފައިވެއެވެ. އެއަށްފަހު ފޯނުވަނީ އަނބުރާ ހަވާލުކޮށްފައެވެ.