މިދިޔަ މަހުގެ ތިންވަނަ ދުވަހުގެ ރޭ، އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އެމްޑީޕީ މުޒާހަރާގެ ތެރެއިން އަށް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު ޖަހައި ބަންދުގައި ހަ މީހަކު ބޭތިއްބުމަށްފަހު، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެންމެން ވަނީ ބަންދުން ދޫކޮށްލައިފައެވެ.

ފުލުހުން ވަނީ ހައްޔަރުކުރި ހަތް މީހެއްގެ މައްޗަށް ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކޮށްފައެވެ. އެމީހުންނަކީ؛

  • މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
  • މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް
  • މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
  • ހުސައިން ޝާކިރު
  • އަޒީމް އަލީ
  • އަލީ ޖުމާން
  • މުހައްމަދު ހަލަފް އިބްރާހީމް

ޕީޖީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި، 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާކުރުމަށް އެދި ފުލުހުންގެ ފަރާތުން މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ނަމަވެސް މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލި އިރު، ތުހުމަތުކުރެވޭ އަމަލުތައް އެމީހުން ހިންގާފައިވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީއާއި، މި މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، މި މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް މި އޮފީހަށް ނުފެންނާތީ، މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާނެއެވެ..،" ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ އެ މުޒާހަރާއާ ގުޅިގެން އިތުރު ދިހަ މީހެއްގެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށާއި އެ ބައިގެ ތަހުގީގު ނިމުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.