އޭޝިއަން ކަޕަށް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެއިން މިއަދު ހަވީރު ކުޅުނު މެޗުގައި ފިލިޕީންސް ކައިރިން ބަލިވެއްޖެއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުން ފިލިޕީންސުން ރާއްޖެ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ފިލިޕީންސަށް ވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ހޯދިފައެވެ. ކޮލިފިކޭޝަން ގްރޫޕް އޭގެ އެއް ވަނައިގައި އޮތް ތަޖިިކިސްތާނާއި ދެވަނައިގައި އޮތް ފިލިޕީންސަށްވެސް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ތަޖިކިސްތާނުން ކުރީގައި އޮތީ މިއަދު 5-0 އިން ޓިމޯ ލެސްޓޭ ބަލިކޮށް، ފައިދާ ގޯލްގެ ފަރަގުންނެވެ.
ތިން ވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓާއެކު ޓިމޯ ލެސްޓޭއެވެ. ފުލުގައި އޮތީ ކޮލިފައިން ފަސް މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބި އޮތް ރާއްޖެއެވެ.
ރާއްޖެއިން މެޗުގެ ކުރީކޮޅުގައި ކުރިއަށް ޖެހިލި ނަމަވެސް، އޭގެފަހުން ފުރަތަމަ ހާފުގައި ފެނުނީ ފިލިޕީންސްގެ ޑޮމިނެންސެވެ. އެޓީމުން ކުރިއަށް ޖެހި ރާއްޖެއަށް ނުރައްކާކުރި އިރު، ފިިލިޕީންސުން ލީޑު ނެގީ މެޗުގެ 25 ވަނަ މިނިޓްގައެވެ. އެއީ އޭރިއާތެރެއަށް ނެގި ހުރަަހަކުން ޕޯލް ޓަބީނަސް ބޮލުން ޖެހި ގޯލެކެވެ. އޭގެ 10 ވަރަކަށް މިނެޓް ފަހުން، މެޗުގެ 37 ވަނަ މިނިޓްގައި ފިލިޕީންސުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ސަންޑްރޯ ރެޔެސްއެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފާ ހިލާފަށް ރާއްޖޭގެ ހަމަލާތައްވެސް ފެނިގެން ދިޔައެވެ. ނާއިޒު ހަސަން (ދާދު) އާއި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި، އަލީ ފާސިރު (ސެންޓޭ)ވެސް ވަނީ ހަމަލާތައް ފޮނުވާލާފައެވެ.
ދެވަނަ ހާފުގައި ފިލިޕީންސުން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އިރު، މެޗު ނިމުނީ ފުރަތަމަ ހާފުގެވެސް ނަތީޖާއިންނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު