މިވަގުތު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުޅޭ ކޮންމެ މެޗަކީވެސް މުސްތަގުބަލަށް މުހިންމު މެޗެއް ކަމަށް ޓީމުގެ ވައިސް ކެޕްޓަން، ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފިއެވެ.
ރާއްޖެއިން މިއަދު މެންދުރުފަހު 3:30ގައި ގައުމީ ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ނުކުންނަ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕްގައި ކުޅޭ ފަސްވަނަ މެޗެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ރާއްޖެއަށް ޕޮއިންޓެއް ލިބިފައި ނުވާ އިރު، މިވަގުތަކީ ފުޓުބޯޅައިގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ވަގުތެކެވެ.
ދެ އަހަރެއްހާ ދުވަސް ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ އަލުން ފެށި، މެދުކެނޑުމެއް ނެތި ކުރިއަށްދާ އިރު، އާ މަސައްކަތްތަކެއްވެސް އެފްއޭއެމްއިން ދަނީ ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ފުޓުބޯޅަ ރާއްޖެއަށް ފުޅާކޮށް، ސަޕޯޓަރުންގެ ބައިވެރިވުން ބޮޑުކުރުން ހިމެނެއެވެ.
ރާއްޖޭގެ ގައުމީ ޓީމުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެވަނަ މެޗަކަށް ތައްޔާރުވަމުން އަންނަ އިރު، އެންމެފަހުން ތަޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެފައިވެއެވެ. އެ މެޗުން ރާއްޖޭ ބަލިވި ނަމަވެސް، ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ދިންތަންވެސް ފެނިގެން ގޮސްފައިވެއެވެ.
"ގަލޮޅު ދަނޑުގައި ކުޅޭއިރު ސަޕޯޓަރުންގެ ސަޕޯޓް ވަރަށް މުހިންމުވާނެ. ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުން އެއީ ވަރަށް ބޮޑު އެދުމެއް. އެއީ ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް،" އިއްޔެ ބޭއްވި ޕްރެސްގައި ހަމްޕު ބުންޏެވެ.
ބ. އޭދަފުއްޓަށް އުފަން ހަމްޕު އިތުރަށް ބުނީ މިހާރު ހުރިހާ މެޗަކީވެސް މުސްތަގުބަލަށް މުހިންމުވާނެ މެޗެއް ކަމަށެވެ.
"ފިލިޕީންސް މެޗަކީވެސް ވަރަށް މުހިންމު މެޗެއް. ހާއްސަކޮށް މުސްތަގުބަލަށް ވިސްނާނަމަ، ކޮންމެ މެޗެއްވެސް މިހާރު މުހިންމު. އެހެންވީމާ ފިލިޕީންސާ ދެކޮޅަށްވެސް ނުކުންނާނީ ރަނގަޅު ނަތީޖާއެއް ހޯދަން،" ހަމްޕު ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު