ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނަތްތެރި ވި މައްސަލައިގައި މަނީ ލޯންޑަރިނަށް އެހީތެރިިވިކަމުގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ނުކުރެވުމުން، އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ހިޔާނަތްތެރިވުމުގެ ދައުވާ ރައްދުވާ އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި މައްސަލައިގައި އިއްޔެ 8:30 ޝަރީއަތް ތާވަލުކުރި ނަމަވެސް ޖަލު ހެދުމުގައި އަދި ބިޑި އަޅުވައިގެން ކޯޓަށް ހާޒިރު ކުރާތީ، ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރަމުންދާ ބައްސާމް ވަނީ ޖަލު ގޮޅިން ނުކުންނަން ދެކޮޅު ހަދައިފައެވެ. އެ ދުވަހުގެ ޝަރީއަތް 11:00 އަށް ފަސްކުރިއިރު، ކަރެކްޝަންސް އިން، ބައްސާމް ކޯޓަށް ހާޒިރުކޮށްފައިވަނީ ކުލަ ހެދުމުގައެވެ. - ބައްސާމް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން ދިން ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ އެ ފައިސާ ލޯންޑާކޮށްފައިވާކަން ސާބިތުވުމުގެ ސަބަބުންނެވެ.
އިއްޔެ އަގީލްވެސް ޝަރީއަތަށް ހާޒިރުވާން ޖެހޭއިރު އޭނާ ޝަރީއަތަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ ކޯޓުންވަނީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައެވެ. ނަމަވެސް މިއަދު 8:30 އަށް ތާވަލުކުރި ޝަރީއަތަށް، އަގީލް ހާޒިރުކޮށްފައެއް ނުވެއެވެ.
އަގީލް ކޯޓަށް ހާޒިރުކުރެވިފައިނުވާތީ ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައެވެ.
މި މައްސަލައިގައި ދެން ދައުވާކުރަނީ ހަސަން ވަހީދުގެ ނަމަކަށްކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ. ދެން ދައުވާ ކުރަނީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏަށެވެ. އެ ކުންފުންޏަށްވެސް ކުރަނީ މަނީ ލޯންޑަރިންނަށް އެހީވެދިނުމުގެ ކުށުގެ ދައުވާއެވެ.
ބައްސާމް ހިމެނޭހެން މި ހުރިހާ ފަރާތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށް، އެއް ޝަރީއަތެއްގެ ގޮތުގައި ކޯޓަށް ހާޒިރުކޮށްގެންނެވެ.
ބައްސާމުގެ މައްޗަށް މިހާރު ދައުލަތުން ކުރާ މަނީ ލޯންޑަރިންނާއި ހިޔާނަތްތެރި ވުމުގެ ދައުވާ އޭނާގެ މައްޗަށް ކުރަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ހިޔާނާތްތެރި ވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަން ޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް