ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގެ ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތަށް މިމަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ (36އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަަލައިގެ ތުހުމަތަށް ހައްޔަރުކުރި ބިދޭސީ މީހާ ހިމެނޭހެން ފުލުހުންގެ ބަންދުގައި މިހާރު ތިބީ 10 މީހުންނެވެ. އޭގެ ތެރެއިން އަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު، ދެ މީހުން 16 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި މީހުން:
- އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ - އޭނާއަކީ ލޮޓަސްގެ ވެރިޔާ
- މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް - އޭނާއަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް
- ޒިވާރް އިސްމާއީލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ - އޭނާއަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއް
- އަހްމަދު ފިރުސާން (35އ) ހ. ރުމޭނިޔާ / މާލެ - އޭނާއަކީ އެމްޕީއެލްގެ މުވައްޒަފެއް
- އާދަމް ވަހީދު (54އ)، ކެނެރީގެ / ނ. މިލަދޫ - އޭނާއަކީ ކޮންޓޭނަރުތައް އުފުލި ދޯނީގެ ކެޕްޓަން ކަމަށް ތުހުމަތުކުރެވޭ މީހާ
- މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި - އޭނާއަކީ އެޕޯލޯގެ ވެރިޔާ/ ވައްކަމަށް ފަންޑުކުރިކަމަށްވެސް ތުހުމަތުކުރޭ
- ހަސަން އަބްދުއްރަހްމާން (52އ)، ލިންކް، ކ. ތުލުސްދޫ
- ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ (36އ)
ފުލުހުން މިމަހުގެ ހަތަރުވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުން ކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ ކަމަށެވެ.
މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރު ކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާމިނަލްގައި ބެހެއްޓުމަށް ފަހު ކަމަށެވެ. އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް 21 ތަނެއް ބަލައިފާސްކޮށްފައެވެ.
ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާ ކަމަށާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާ އިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ހޯދާފައިވާ ކަމަށް މީގެ ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ މަހުގެ ނުވަވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް